ޣައްޒާ އާރާސްތުކުރަން އެތައް ޒަމާނެއް ނަގާނެ ކަމަށް އދގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް -- ޔޫއެންޑީޕީން ބުނެފި އެވެ. އަދި 40 ބިލިއަނަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާ އެކު، ފަލަސްތީންގެ މިއަވަށް އާބާދުކޮށް ތަރައްގީކުރަން ފަށާނެ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ. ނަމަވެސް ޣައްޒާއަށް ކޮށްފައި އޮތް ވަރު ހަމަލޮލަށް ފެނިއްޖެ މީހަކަށްވެސް -- ޣައްޒާ ކޮޅަށް ޖަހަން ކުރަން ޖެހޭ މަސައްކަތްތައް އަންދާޒާ ނުކުރެވޭނެ ކަމަށް އދގެ އޮފިޝަލް އަބްދުﷲ އަލް ބަރުދާރީ ވިދާޅުވި އެވެ.
އދ އަދި އަރަބި ގައުމުތަކުން ވިސްނާފައި އޮތީ މަރުހަލާތަކަކަށް ބަހާލައިގެން ޣައްޒާ އާބާދުކުރަން ފެށުމަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި އޮތީ ޣައްޒާއިން ފައިބައިގެން ދިޔަ މީހުން އަނބުރާ ގެނައުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމެވެ.
އަބްދުﷲ އަލް ބަރުދާރީ ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާއަށް ދީފައި ހުރި ގެއްލުންތައް 50 ބިލިއަން ޑޮލަރު ފަހަނައަޅާނެ އެވެ.
ފާއިތުވި 60 އަހަރު ތެރޭގައި ޣައްޒާގައި ކޮށްފައި ހުރި ހުރިހާ މަސައްކަތެއް މިހާރު ވަނީ ސުންނާފަތިކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާ އާބާދުކުރަން ފެށުމުގެ ކުރިން އުކާލަން ހުރި ކުނީގެ އަދަދު 37 މިލިއަން ޓަނަށް އަރާ ކަމަށްވެސް ބަރުދާރީ ވިދާޅުވި އެވެ. ތަން ސާފުކުރަން ކުރަން ޖެހޭ ހޭދައަކީ ވެސް އަގުގެ ބައެއް ގޮތުގައި ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަރުދާރީ ވިދާޅުވި ގޮތުން ޣައްޒާގެ އާބާދީގެ 72 ޕަސެންޓް ވަނީ ސުންނާފަތިކޮށްފަ އެވެ. މިއީ އަލުން ކުރަންޖެހޭ އެންމެ މަދު މިންވަރު ކަމަށް ބެލި ނަމަވެސް ކޮންމެވެސް ބައެއްގެ އުމުރު ދުވަހުގެ ހޭދަ ކަަމަށް އޭނާ ވިދާޅުވި އެވެ.
މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިވަރުގެ ބޮޑު ގެއްލުމެއް މުޅި ދުނިޔެއަށް ބެލި ނަމަވެސް ޣައްޒާ ނޫން ތަނަކަށް ލިބިފައި ނުވާ ކަމަށް ބަރުދާރީ ވިދާޅުވި އެވެ.