ކްރިކެޓް

ކުރީގެ ކުރިކެޓް ކޯޗަށް 53 އަހަރުގެ ހުކުމެއް

Jun 10, 2023

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ބިދޭސީ ކޯޗް އާސިފް ހާންގެ މައްޗަށް ދައުލަތުން އުފުލި ސާބިތުވެ އޭނާ 53 އަހަރަށް ވުރެ ދިގު މުއްތަކަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އާސިފް ހާންގެ މައްޗަށް ދައުލަތުން އުފުލި ނުވަ ދައުވާގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވީ ހަތް ދައުވާ އެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއާއި، ޖާއިޒު މަގުސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާގެ އިތުރުން ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ އެވެ.

ސާބިތުވި ހަތް ދައުވާގެ އަދަބަކީ 53 އަހަރާއި ދެ މަހާއި ހަތް ދުވަހެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށްވާތީ އޭނާގެ ހުކުމަކީ އުމުރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

އާސިފް ހާންގެ މައްޗަށް ކުށް ސާބިތުވީ އޭނާގެ އަމަލުތަކުގެ ޝިކާރައަކަށްވި ކުދިން ތަހުގީގަށް ދީފައިވާ ބަޔާންތަކުންނެވެ.

އާސިފްގެ މައްޗަށް 2019 ވަނަ އަހަރު ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވުމާ އެކު އޭނާ ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ ހައްޔަރުކޮށް މުއްދަތު ޖަހަން ގެނައުމުން ކޯޓުން ފުރަތަމަ އޭނާ ދޫކޮށްލި އެވެ. އެއީ ބަންދުގައި ބެހެއްޓިތާ 24 ގަޑިއިރު ފަހުން ކޯޓަށް ހާޒިރުކުރުމުންނެވެ. އެކަމަކު އޭރު އޭނާ ދޫކޮށްލީ 30 ދުވަހުގެ މުއްދަތަށް ހިފައްޓާ ރާއްޖެއިން ފުރުން މަނާކޮށްފަ އެވެ. އެހެންވެ ފަހުން އޭނާ ހައްޔަރުކޮށް ދައުވާކުރީ އެވެ.