ދުނިޔެ

"ހޮންޑިއުރަސް ބްރިކްސްގައި ބައިވެރިވާން ތައްޔާރު"

"ބްރިކްސް" ޖަމާއަތުގައި ބައިވެރިވުމަށް އެދި ހޮންޑިއުރަސް އިން ރަސްމީކޮށް ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) އަށް ހުށަހަޅައިފި އެވެ.

ހޮންޑިއުރަސްގެ ރައީސް -- ޝިއޮމަރާ ކާސްތުރޯގެ އޮފީހުން މިކަން ވަނީ ހަރަބަށް ކަށަވަރުކޮށްދީފ އެވެ.

މި ހަބަރު ދުނިޔެއަށް އާންމުކުރެއްވީ ޝިއޮމަރާ ކާސްތުރޯ ޗައިނާއަށް ވަޑައިގެން ނިއު ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ދިލްމާ ރޫސެފްއާ ބައްދަލުކުރެއްވުމަށް ފަހު އެވެ. މި ބޭންކް ހުންނަނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޝަންހައީގަ އެވެ.

ދިލްމާ ރޫސެފްއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން އާޖެންޓިނާ އިން ވެސް ވަނީ ބްރިކްސްގައި ބައިވެރިވުމަށް އެދި ހުށަހަޅާފަ އެވެ. އަދި އަންނަ އޯގަސްޓްގައި އޮންނަ އެ ޖަމާއަތުގެ އަހަރީ ބައްދަލުވުމުގައި -- ބްރިކްސްގައި ބައިވެރިވާން ތިބި މެމްބަރު ގައުމުތަކާ މެދު ގޮތެއް ނިންމާނެ އެެވެ.

ބްރިކްސް އަކީ ޗައިނާ އިސްވެ އުފައްދާފައި އޮތް އިގުތިސާދީ ޖަމާއަތެކެވެ. ބްރިކްސް އަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ ނަން ކުރުކޮށްލައިގެން އުފައްދާފައި އޮތް ނަމެކެވެ.

ބްރިކްސް އުފެއްދީ ޖޫން 16، 2009 ގައެވެ. އަމާޒަކީ ކުދި އިގުތިސާދުތައް ކޮޅަށް ޖެހުމެވެ. މި އުއްމީދުގައި 2014 ގައި އެންޑީބީ އުފައްދައި ތަރައްގީއަށް ލޯނު ދިނުމާއި ދަރަންޏަށް ޒިންމާވުން ފަދަ މުއާމަލާތްތަކުގައި ދަނީ ބައިވެރިވަމުންނެވެ.

ބްރިކްސްގެ ކޮންމެ ގައުމަކީ ވަކި ސަރުކާރެއް އަދި ވަކި އިގުތިސާދެކެވެ.

ޖޫން 2022 ގައި އޮތް ބްރިކްސްގެ އާންމު ޖަލްސާގައި އެންޑީބީ ގަދަފަދަކުރަން ވަނީ މަޝްވަރާކޮށްފަ އެވެ. މި ޖަމާއަތާ އަލަށް ގުޅުނު ބަންގްލާދޭޝް އާއި، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އުރުގުއޭ އަށް ހައިސިއްޔަތު ދިނުމަށް އޮތް ބައްދަލުވުމުގައި އެންޑީބީގެ މާލީ ތަނަވަސްކަން އިތުރުކުރުމަށްވެސް މަޝްވަރާކޮށްފައިވެ އެވެ.

އެންޑީބީ ބުނާ ގޮތުން އުއްމީދަކީ ބްރިކްސް އަށް ޝައުގުވެރިވާ ގައުމުތަށް އިތުރުކުރުމެވެ. އެއް އިގްތިސާދެއް ގޮތުގައި ތަރައްގީ އަށް މަސައްކަތްކުރުމަށް ބޭންކަށް ފުރުސަތު ތަނަވަސްކޮށްދެވެން އޮތީ ރައުސްމާލު އިތުރުކޮށްގެން ކަމަށްވެސް ބޭންކުން ބުނެ އެވެ.

ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް ބްރިކްސް ގައުމުތައް ހިއްސާކުރެ އެވެ. މި ޖަމާތުގެ ހިޔަނީގައި ހިންގަމުން ގެންދާ އެންޑީބީ އަކީ ހުޅަނގުގެ ނުފޫޒާ ދެކޮޅު އިގުތިސާދަކަށް މަސައްކަތްކުރާ ބޭންކެކެވެ. ދުނިޔެއިން ޑޮލަރުގެ ބާރު ކަނޑުވާލުމަކީ ވެސް އެންޑީބީ އަމާޒެކެވެ.