ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ކަރާމަތާއި އިއްޒަތަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށާއި މަޖިލީހުގެ ގަވައިދަށް ހުރިހާ ފަރާތްތަކަކުން ހުރުމަތްތެރިކޮށް ހިތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީގެ ފަސްވަނަ މާއްދާއާއި 70 ވަނަ މާއްދާގެ ދަށުން ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވާ ފަރާތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާ ދައުލަތުގެ އެއްބާރު ކަމަށްވެސް ހަނދާންކޮށްދީފަ އެވެ.

މިބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކ،ީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވ،ާ އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދީމިގުރާތީ އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވާއިދެއް ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައި ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަގިއްލުކަން ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ "ގަދަރާއި ޝަރަފް" އަމީން އާންމު ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަމީން އާންމު އަދާކުރައްވަންޖެހޭ ވާޖިބުތައް އަދާކުރައްވަންޖެހޭ ހާއްސަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. މީގެތެރޭގައި މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތް ފާހަގަކުރެއްވި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިވަގުތަކީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރަކާއ،ި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި 'ގާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން' ފޯރުކޮށްދެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށެވެ. ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގެ އެވެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައިވީ ނަމަވެސް ގާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަދި މަޖިލީހުގެ އެންމެ މެންބަރުންގެވެސް ވާޖިބެއް ކަމުގައި ވިދާޅުވެފަ އެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުއާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ އެވެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހުއްޓުވާ ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހަށް އަންގަވާފަ އެވެ.