ދައުލަތުގެ ޓެކްސް އިދާރާ-- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މެއި މަހު އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި އަދަދަކީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 30.4 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއީ މެއި މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 1.8 ޕަސަންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިއަހަރުގެ މެއި މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަދި މިިދޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1 ޕަސަންޓް އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވެ އެވެ. ފަތުރުވެރިން އައި އަދަދު އިތުރުވުމާ ގުޅިގެން ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވެ އެވެ.
މީގެ އިތުރުން ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މިދިޔަ މެއި މަހުގެ ތެރޭގައި މިދިޔަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކައިފައިވާތީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖުލައި ދެވަަނަ ދުވަހެވެ.
މީރާއަށް މެއި މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 63.59 ޕަސަންޓް ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 12.41 ޕަސަންޓް ނުވަތަ 212.43 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 6.68 ޕަސަންޓް ނުވަތަ 114.34 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 4.85 ޕަސަންޓް ނުވަތަ 83.10 މިލިއަން ރުފިޔާ، ޑިޕާޗަ ޓެކްސްގެ ގޮތުގައި 5.91 ޕަސަންޓް ނުވަތަ 101.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 6.55 ޕަސަންޓް ނުވަތަ 112.17 މިލިއަން ރުފިޔާ ވެސް ލިބިފައިވެ އެވެ.
މީރާއަށް މިދިޔަ އެޕްރީލްގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.