މީރާ

ކޮތަޅު ފީ އިން އެއް މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން އެޕްރީލް މަހުގެ ތެރޭގައި ނަގަން ފެށި ފީ އިން މޭ މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މޭ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕްލާސްޓިކް ކޮތަޅުން ފީ އިން 1.17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނުގެ އެ މާއްދާ އިސްލާހުކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.