ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އާއި ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އާއި އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ބ) ދަށުން ރިޔާސަތު ބަލަހައްޓާނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުކަން އަމީން އާންމު އިއުލާނު ކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅާނީ މަޖިލީހުގެ ރައީސް އެވެ.
ހަސަން އަފީފު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ފެށުމުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ހަސަން އަފީފުއާ ހަވާލު ކުރެވުނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ.
ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ނިޒާމީ މައްސަލަ ނަންގަވާ ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިހުގެ 14 ދުވަސް ހަމަވުމަށްފަހު ދެން އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާކަން ފާހަގަކޮށް އެ މައްސަލަ އެޖެންޑާ ނުކުރަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ މަޖިލީހުގެ އަމީންއާންމަށް އިއްޔެ އަންގަވާފަ އެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.