އީވާ އަބްދުﷲ

އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ގަވާއިދުގެ ދަށުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އީވާ ވަނީ މަޖިލީހުގެ އަމީންއާންމަށް އަންގަވާފަ އެވެ.