ކްރިމިނަލް ކޯޓް

ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް

ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ރ. ކަނދޮޅުދޫ، މަންދުއެދުރުގެ، އާދިލް އަހުމަދުގެ މައްޗަށެވެ.

ދައުލަތުން އުފުލި ދައުވާގައިވާ ގޮތުން އޭނާ ވަނީ ދުވާފަރު "އޯޝަން ކިންގު" ގުދަނުން ހަތް ހުއިފިލަނޑާ ވަގަށް ނަގާފަ އެވެ.

ކުށުގެ ރެކޯޑް ކުރިންވެސް އޮންނަ އާދިލް މިވައްކަން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމާ އާދިލް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރީ ކުށަށް އިއުތިރާފްވުމުންނެވެ.

މިމައްސަލައިގެ ތުހުމަތުގައި އާދިލް ދެ ދުވަސް ބަންދުގައި ކުރިން ހޭދަކޮށްފައިވާތީ އޭނާ ޖަލުގައި ހުންނަންޖެހޭނީ ހަތަރު މަހާއި 22 ދުވަހަށެވެ.