ރައްޔިތުންގެ މަޖިލިސް

އަމީން އާންމުގެ ސިޓީ: އީވާގެ މައްސަލަ މަޑުޖެއްސޭނެ ގޮތެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ސާފުކޮށްދެއްވުމަށްފަހު، އީވާގެ މައްސަލަ ނިޒާމުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް އަމީން އާންމު ފަތިމަތު ނިއުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ތިން ސަފްހާގެ ސިޓީއެއް މަޖިލީހުގެ އަމީން އާންމު، ރައީސް ނަޝީދަށް ފޮނުއްވާފައި މިވަނީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ނަޝީދު އުޒުރުވެރިވެވަޑައިގަތުމަށްފަހު މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ބޭފުޅަކުވެސް ކަނޑައަޅުއްވާފައި ނުވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފިނަމަ އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އެވެ. މަޖިލީހުގެ ރައީސް އެކަން ކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާނަމަ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް މެންބަރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވިދާޅުވާ އެއް ސަބަބަކީ މަޖިލީހުގެ އާންމު ކޮމިޓީ އަލުން އެކުލަވާލެވިފައި ނުވުމެވެ. އާންމު ކޮމިޓީއަކީ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަގުތުތައް ކަނޑައަޅަންޖެހޭ ކޮމިޓީ އެވެ. އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ވަގުތު ކަނޑައެޅޭނީ އާންމު ކޮމިޓީ އަލުން އެކުލަވާލައިގެންނެވެ. މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އާންމު ކޮމިޓީގެ މައްސަލައިގައި އަމީން އާންމު ދީފައިވާ ލަފާގައި ވިދާޅުވީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްގެން ހައްލު ހޯދިދާނެ ކަމަށެވެ. އެހެންކަމުން އާންމު ކޮމިޓީ ހުއްޓިފައި އޮތުމަކީ އީވާގެ މައްސަލަ މަޑުޖެއްސޭނެ ސަބަބެއް ނޫން ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދު އުޒުރުވެވަޑައިގަންނަވާނަމަ އިތުރު ބޭފުޅަކަށް އެ މަސްއޫލިއްޔާތު އަދާކުރުމަކީ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ ރައީސްއަށް އޮތް ބާރަކަށް ވާތީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އެހެން ބޭފުޅަކާ ހަވާލުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ.

އާންމު ކޮމިޓީ ހުއްޓިފައިވާތީ އީވާގެ މައްސަލައިގައި ބަހުސްގެ ވަގުތު ކަނޑައަޅާނެ ގޮތެއް އެ ކޮމިޓީއަށް ނުނިންމޭނަމަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައިގެން އީވާގެ މައްސަލައިގައި ބަހުސްގެ ވަގުތު ކަނޑައެޅޭނެ ކަމަށްވެސް އަމީން އާންމުގެ ސިޓީގައި ލަފާ ދީފައިވެ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެން ރައީސް ނަޝީދު މި ހަފްތާ އަމީން އާންމަށް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަމީންއާންމުގެ މަސައްކަތަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.