މާލޭގެ ހުސްޖާގަތަކާއި ޕާކުތަކާއި މަގުތައް ކުއްޔަށް ދެވޭނީ ސިޓީ ކައުންސިލުގެ މެމްބަރުން ބައިވެރިވާ ޖަލްސާއަކުންް ފާސްކޮށްގެން ކަމަށް ނިންމައިފި އެވެ.
ކައުންސިލުން ފާސްކުރި މި ބަދަލުތައް ހުށަހަޅާފައިވަނީ ގަލޮޅު މެދު ދާއިރާގެ ކައުންްސިލަރު ރީހާން ނާޒިމްް އާއި ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު ނާޒިމާ މުހައްމަދު ފާއިޒް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފްް ފާތިހު އެވެ.
ފާސްކުރި މި ބަދުލުގައި މާލޭގެ އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި މަގުތަކާއި ބިން އެކި ބޭނުންތަކުގައި ކުއްޔަށް ދިނުމާއި ބަދަލު ގެނެއުމަށް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ބައިވެރިވުމާއެކުގަ އެވެ. އަދި މިގޮތަށް ފާސްކުރުމަށް ސިޓީ ކައުންސިލުގެ އާންމު ޖަލްސާއެއް އެޖެންޑާކޮށް އަގުލަބިއްޔަތު ވޯޓުން ނިންމާ ނިންމުމަށް ބަލަންޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެ އެވެ.
މީގެ ކުރިން މާލޭގެ ޖާގަތައް ކުއްޔަށް ދިނުމުށާއި ބަދަލުތައް ގެނެއުމުގައި ސިޓީ ކައުންސިލުގެ ވަކި ކޮމިޓީއަކުން އެ މައްސަލަ ބަލައި ފާސްކުރެ އެވެ. ނަމަވެސް މިއަދު ގެނައި ބަދަލަށްފަހު މާލޭގެ ހުސް ޖާގަތައް ކުއްޔަށް ދެވޭނީ ކައުންސިލުން ނިންމައިގެންނެވެ.
ދަ ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ހުށަހެޅި މިއިސްލާހު ހުށަހަޅާފައިވަނީ ކުރީގެ ނިޒާމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށާއި އެކަމުގެ ސަބަބުން އާންމުން ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕާކިން ޒޯންތަށް އެއްވެސް އިންސާފެއް ނެތި ބައެއް މީހުންނަށް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކަކީވެސް އާންމުން އަބަދު ފާހަގަކުރާ މައްސަލަތަކެކެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު މި މައްސަލަ ހައްލުވެގެންދާނެ އެވެ.