ޖަޕާން

މާލޭގެ އެއްގަމު ތޮށި މަރާމާތުކުރުމުގެ ސާވޭ ޖައިކާއަށް

މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރުމާއި މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށްޓަކައި ކަމާ ގުޅޭ ސާވޭ ހެދުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާ ހަވާލުކޮށްފި އެވެ.

މާލޭގެ އެއްގަމު ތޮށްޓަކީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ތޮށްޓެކެވެ. އަދި މާލޭގެ ފެން ހިންދާ ނިޒާމުގެ މަސައްކަތުގައި ޖަޕާން ސަރުކާރުގެ ބައިވެރިވުން ބޮޑެވެ.

މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރުމާއި މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށްޓަކައި ކަމާ ގުޅޭ ސާވޭ ޖައިކާ އިން ހަދައިދެނީ ހިލޭ ކޮށްދޭ މަސައްކަތެއްގެ ގޮތުގަ އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝާނާ ފާރޫގު އެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރު ޓުސުކިޒޮއި މެގުމި އެވެ.

ޖައިކާގެ ސާވޭ ކުރިއަށް ދާނެ މުއްދަތެއްވެސް އަދި މިމަސައްކަތް ކުރަން ނިންމާފައިވާ ގޮތެއްގެ މައުލޫމާތުވެސް ޕްލޭނިން މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.