ހަބަރު

ޑިސެބިލިޓީ ކައުންސިލްގެ ހުސް ދެ މަގާމަށް މެންބަރުން ހޮވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގު ހިމާޔަތްކުރާ ކައުންސިލުގެ މަގާމްތަކަށް މީހުން ހޮވައިފި އެވެ.

ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާ އަކަށް ހޮވީ "މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް" އެވެ. އެ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ފަރާތަކަށް ހޮވީ ބްލައިންޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މާޒިނެވެ.

މި ކައުންސިލަކީ ކޮންމެ ފަސް އަހަރުން އެއް އަހަރު އިންތިހާބު ކުރާ ކައުންސިލެކެވެ. އެ ކައުންސިލުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ދައުރު ހަމަވެފައިވާ ދެ ގޮނޑިއަށް މެންބަރުން ހޮވުމަށް އިންތިހާބު ބޭއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ޑިސެބިލިޓީ ކައުންސިލް އިންތިހާބު ބާއްވާފައިވަނީ މާލެ އާއި އަތޮޅުތަކުގެ ރަށްތަކުން އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީ ކުރި ރަށްރަށުގަ އެވެ. އިންތިހާބުގައި 328 މީހުން ބައިވެރިވިއެވެ. އަދި 49 ރަށަކުން އިންތިހާބުގައި ބައިވެރިވި އެވެ.

ޑިސެބިލިޓީ ކައުންސިލުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އަކަށް، އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް ހޮވުނީ، އެ މަގާމަށް ވޯޓުލާން ރަޖިސްޓްރީ ކުރި ނުވަ ޖަމިއްޔާގެ ތެރެއިން ހަ ޖަމިއްޔާގެ ތާއީދު ލިބިގެންނެވެ. އަދި މާޒިންއަށް މަގާމް ލިބުނީ، ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ފަރާތެއް ހޯދުމަށް ބޭއްވި އިންތިހާބުގައި ވޯޓު ދިން 242 މީހުންގެ ތެރެއިން 157 މީހުންގެ ވޯޓު ލިބިގެންނެވެ.

މި ދެ މަގާމުގެ އިންތިހާބު ބޭއްވި އިރު ކައުންސިލަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުގެ ދައުރު ވެސް ވަނީ ހަމަވެފަ އެވެ.