ޔޫރަޕިއަން ޔޫނިއަންގެ ބަޖެޓަށް ދޭނެ އިތުރު ފައިސާއެއް ޖަރުމަނުގައި ނެތް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ކްރިސްޓިއާން ލިންޑަނާ ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޖަރުމަނުގެ އަމިއްލަ ހާލަތަށްވެސް ބަލަން ޖެހެ އެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމަކީ ސަރުކާގެ މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީޔޫގެ ބަޖެޓަށް އެންމެ ގިނައިން ފައިސަދޭ ގައުމަކީ ޖަރުމަނެވެ. މިހެން ކަން އޮތް ނަމަވެސް، ޔުކްރޭން ހަނގުމައިގެ ސަބަބުން ދުރާލާ ރޭވިފައި ނެތް ޚަރަދުތަކެއްގައި ބައިވެރިވާން ޖެހުމުން އިގުތިސާދީ ހާލަތު ރަނގަޅު ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ނޭޓޯ އަކީ ޔޫރަޕްގެ ގައުމުތައް -- އެމެރިކާ ވެސް ހިމެނޭ ގޮތުން އެކުލަވާލާފައި އޮތް ސެކިއުރިޓީ ޖަމާއަތެކެވެ.
ނޭޓޯ ހިންގަނީ މެމްބަރު ގައުމުތަކުން ޖިޒީ ނަގައިގެންނެވެ. ނޭޓޯ ހިންގުމަށް ހަރަދުވާ ފައިސާ -- ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަން ފޫބެއްދުމަށް މެމްބަރު ގައުމުތަކުން ދައްކާ ފީބޮޑުކުރަން ވެސް އެ ޖަމާއަތުން މަޝްވަރާކުރި އެވެ.
އަނެއްކޮޅުން، ޔުކްރޭނަށް އެހީވުމަށް ނޭޓޯއިން ކުރަމުން ގެންދާ ހޭދަ، ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. ރަޝިއާއާ ވާދަކޮށް ބަލިކުރަން ބޭނުންވާ ހަތިޔާރު ހޯދުމަށް ނޭޓޯއިން ދަނީ ވަރަށް ބޮޑު ޚަރަދެއް ކުރަމުންނެވެ.
ޔުކްރޭނަކީ ނޭޓޯ މެމްބަރު ގައުމެއް ނޫނެވެ. މިހެންކަމުން ޔުކްރޭންގެ ދިފާއުގައި އެއްވެސް ކަމެއް ކުރުމަކީ ނޭޓޯއަށް ލާޒިމުކަމެއް ނޫނެވެ.
މިހެން ކަން އޮތް ނަމަވެސް، ހުޅަނގުން ރަޝިއާ ދެކެ އަރައިގެންފައި އޮތް ރުޅިއެއްގެ ސަބަބުން -- ރަޝިއާ ބަލިކުރުމުގެ ނިޔަތުގައި ނޭޓޯ ގައުމުތަކުން ޔުކްރޭނަށް އެހީވަނީ އެވެ. އަދި ޔުކްރޭނުން ހަތިޔާރު ހުސްވަމުންދާ ވަރަކަށް، އާ ހަތިޔާރު ފޯރުކޮށްދިނުމަކީ އެ ޖަމާއަތުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެނީ އެވެ.
އީޔޫ މެމްބަރު ގައުމުތަކުގެ ހާލަތު މިފަދައިން އޮތް ނަމަވެސް، އީޔޫގެ ވިސްނުމަކީ އަދިވެސް ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުމެވެ. މި ގޮތުން އިތުރު 72 ބިލިއަން ޔޫރޯގެ ހަތިޔާރު ޔުކްރޭނަށް ފޯރިކޮށްދިނުމަށް އީޔޫ އޮތީ ވައުދުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން ޖަރުމަނަށް ވަނީ އިތުރަށް ހޭދަކުރަން ޖެހިފަ އެވެ. އަދި ޖަރުމަން ހިންގުމަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި އިތުރު ގައުމުތަކާ އެކު އަގުބޮޑު އެއްބަސްވުންތައް ގާއިމުކުރަން ވަނީ މަޖުބޫރުވެފަ އެވެ.