ހަބަރު

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަހަރު ތެރޭގައި ތިން އުމްރާ ދަތުރެއް ކުރަން ނިންމާފައިވެ އެވެ. ފުރަތަމަ ދަތުރު އޮތީ އަންނަ މާޗް މަހުގެ 17 އިން 26 އަށެވެ. ދެވަނަ ދަތުރަށް ފުރުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ފަނަރާގައި ހަމަޖެހިފައިވާއިރު، ތިންވަނަ އުމްރާ ދަތުރު އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ޔާމިން އިދުރީސް ވިދާޅުވީ، އުމްރާ ދަތުރުތަކަށް މީހުން ގެންދިއުމުގައި ވަކި ލިމިޓެއް ނެތް ކަމަށެވެ. ރަޖިސްޓްރީކޮށް، ފައިސާ ދައްކަން ކަނޑައަޅާފައި އޮންނަ މުއްދަތުގައި ފައިސާ ދައްކާ ހުރިހާ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

މާޗް މަހު އޮންނަ އުމްރާ ދަތުރުގެ އަގަކީ 29،965ރ. އެވެ. އެ ދަތުރުގެ ފައިސާ ދައްކަންޖެހޭ ފަހު ތާރީހަކީ މިމަހުގެ 25 އެވެ.

ރަމްޟާން މަހުގެ ފަހު ފަނަރައިގަ ކުރާ ދަތުރަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ދަތުރުގެ އަގަކީ 39،965ރ. އެވެ. އެ ދަތުރަށް ރަޖިސްޓްރީވުމުގެ ފަހު ތާރީހަކީ މިމަހުގެ މާޗް 31 އެވެ. އަދި ފައިސާ ދެއްކުމުގެ ފަހު ތާރީހަކީ އަންނަ އޭޕްރިލް 30 އެވެ. އެ ދަތުރަށް ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ބައިބަޔަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. ނަމަވެސް ރަޖިސްޓްރީ ވާއިރު ފޯމާ އެކީގައި 10،000ރ. ދައްކަން ޖެހޭނެ އެވެ. ބާކީ ބައި އެ މީހަކަށް ފަސޭހަ ގޮތަކަށް މުއްދަތުގެ ކުރިން ދައްކާނީ އެވެ.

ޑިސެމްބަރު އެކެއްގައި އޮންނަ އުމްރާ ދަތުރަށް 34،965ރ. ދައްކަން ޖެހޭއިރު އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ ފަތާތްތަކުން އެ ފައިސާ އަންނަ އޮކްޓޯބަރު 31 ގެ ކުރިން ދައްކަންޖެހެ އެވެ. އެ ދަތުރުގެ ލާރި ވެސް ބައިބަޔަށް ދައްކައި ހަލާސްކުރެވޭނެ އެވެ. ނަމަވެސް ރަޖިސްޓްރޭޝަން އާ އެކު 5000ރ. ދައްކަން ޖެހެއެވެ.

ޔާމިން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖާއި އުމްރާއަށް ނަގާ ފީއަކީ، ރަޖިސްޓްރީ ވާ ދުވަހުން ފެށިގެން އެކަމަށް ދާ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ނަގާ ފީ އެއް ކަމުން، ފައިސާ ދައްކާ ފަރާތްތަކުގެ ހުރިހާ ކަމެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ވެކްސިން ދިނުމާއި، އަޅުކަމާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރަށް، އެކޮމޮޑޭޝަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.