ދުނިޔެ

ފަރަންސޭސި ރައީސް އަވަހާރަކޮށްލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުކޮށް 20 އަހަރުގެ އެކްޓިވިސްޓަކު އެ ގައުމުގެ ތަންފީޒީ ބާރުތަކުން ހައްޔަރުކޮށްފި އެވެ.

ފަރަންސޭސި ނޫސްތައް ބުނާ ގޮތުން މިކަމެއް ހިނގފައި ވަނީ އޭޕްރީލް 27 ގައި މެކްރޮން ބައިވެރިވެ ވަޑައިގެންނެވި ބޮޑު އެއްވުމެއްގެ ތެރެއިންނެވެ.

އިމަނުއެލް މެކްރޮން އަވާހަރަކޮށްލަން އުޅުނު ސަބަބެއް ކަމަށް ތަހުގީގީ އިދާރާތަކުން ބުނަނީ ފަރަންސޭސި ސަރުކާރު ހިންގެވުމުގައި މެކްރޮން ގެންގުޅުއްވާ ސިޔާސަތު ކަމުނުދިއުމެވެ.

އަނެއްކޮޅުން ޕެންޝަން ސްކީމް އަލުން އެކުލަވާލުމަށް މެކްރޮން ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ގިނަ އާންމުންގެ ކަންބޮޑުވުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ޒުވާން އެކްޓިވިސްޓާ ހަވާލާދީ ފުލުހުން ބުނާ ގޮތުން އޭނާއަށް ނުތަނަވަސް ކަމަކަށް ވެފައި އޮތީ މެކްރޮން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އާންމުންނަށް އިތުރު ތަކުލީފުތަކެއް ޖެހުމެވެ.

މެކްރޮން ތަގުރީރުކުރައްވަން އެއްވި އެއްވުމަކަށް "ސްމޯކް" ބޮމެއް އޭނާ ވަނީ އެއްލާފަ އެވެ. އަދި މެކްރޮން ހެލިކޮޕްޓަރަށް އަރާވަޑައިގަތުމުން ވެސް ސްމޯކް ބޮމެއް އެއްލި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުން މިއިން އެއްވެސް ކަމަކަށް އޭނާ އިންކާރެއް ނުކުރެ އެވެ. އެހެންނަމަވެސް އޭނާއަށް ދަރުވާކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ފަރަންސޭސިވިލާތުގައި އަމަލުކުރެވޭ ޕެންސަން ސްކީމަށް ބަދަލު ގެނެސް މަސައްކަތުން މުސްކުޅިކުރެވޭ އުމުރު 62 އަހަރުން 64 އަހަރަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. މިއީ އާންމުން ވަރަށް ބޮޑަށް ދެކޮޅު ހެދި މައްސަލައެކެވެ.

އެހެންނަމަވެސް މެކްރޮންގެ ސަރުކާރުން މިހާރު ވަނީ -- ފަރަންސޭސި ކޮންސްޓިޓުޝަނަލް ކައުންސިލް މެދުވެރިކޮށް ޕެންޝަން ސްކީމް ފާސްކޮށްފަ އެވެ. އަދި 2030 އައުމުގެ ކުރިން މި ގަވައިދުތަކަށް އަމަލުކުރަން ފަށާނެ އެވެ.