ޖޭއެސްސީ

ރަފީއުއްދީނަށް ނަސޭހަތްދިނުމަށް ނިންމައިފި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދަށް ނަސޭހަތްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން ގާޒީ ރަފީއުއްދީނަށް ނަސޭހަތްދިނުމަށް ނިންމީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުކުމް ކުރާ މަޖިލިސް ބާއްވާފައި ނުވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއެއް ބެލުމަށްފަހު އެވެ.

މައްސަލައިގައި ހުކުމް ކޮށްފައިވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނު ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ބަހުން އެނގޭ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

ގާނޫނުގައިވާ ގޮތުން މައްސަލައެއްގައި ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރާ މަޖިލިސް ބާއްވަންޖެހެ އެވެ.

ގާޒީ ރަފީއުއްދީންގެ މި އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ގާޒީ ރަފީއުއްދީންއާ ގުޅޭ މިމައްސަލައިގައި ނަސޭހަތްދިނުމަށް ފެންނަކަމަށް ނިންމާފައިވަނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމެއްގަ އެވެ.