ޖޭއެސްސީ

އައްޑޫ މީދޫ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަނީ

Oct 27, 2021
1

އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ ބަލާފައިވަނީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު ތައްޔިބް އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލަ އެކެވެ.

މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ތައްޔިބް ނެރުއްވާފައިވާ އަމުރަކީ، އިޖުރާއަތާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

ތައްޔިބްގެ މައްސަލަ ސާބިތުވާތީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.

"މުހައްމަދު ތައްޔިބުގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނޫގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (ޅ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް،" ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލައި އެތައް ފަނޑިޔާރަކަށް ފިޔަަޅު އަޅައި އަދި މަޖިލިސް މެދުވެރިކޮށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު އެކަމުގައި ޖޭއެސްސީން އަމަލުކުރާ ގޮތުން އެ ކޮޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.