އައްޑޫ ސިޓީގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއި އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ މެޖިސްޓްރޭޓުންގެ މައްސަލަ ތަހުގީގު ކުރަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.
މި މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރެވި ތަހުގީގުކޮށްފައި ވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ އެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމާއި މެޖިސްޓްރޭޓް ޒިޔާދާ ތޯހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވިގެން މައްސަލަ ބަލަން ފެށީ އެވެ.
ޖޭއެސްސީން ބުނާ ނޫސް ބަޔާނަކީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެކެވެ.
ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ބައެއް ފަނޑިޔާރުން ބައެއް ކަހަލަ ތަމްރީން ޕްރޮގްރާމުތައް ފުރިހަމަކުރުމަށްވެސް ދަނީ އަންގަމުންނެވެ.
ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން ބައެއް ފަނޑިޔާރުން ގެންދަވަނީ އިސްތިއުފާވެސް ދެއްވަމުންނެވެ.