ޖޭއެސްސީ

ފަނޑިޔާރުންނަށް ތަމްރީނަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަށް ނުވަތަ ތަމްރީނަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގައި މަސައްކަތް ކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ބުދަ ދުވަހުގައި ގެޒެޓްކުރި އުސޫލުގައި މިކަމުގެ މަގުސަދުތަކާއި ވީއްލޭނެ ހާލަތްތަކާއި ޝަރުތުތަކާއި އަދި ތަމްރީނަށް ދާން ހުށަހަޅާންވީ ގޮތް ހިމަނާފައިވެ އެވެ.

މި އުސޫލު ހެދުމުގެ މަގުސަދުތަކަކީ ފަނޑިޔާރުންގެ ޝަރުއީ އަދި ގާނޫނީ ފަންނާއި ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ހިތްވަރު ދިނުމާއި، މިކަންކަން އަދާހަމަކޮށް ބެހެއްޓުމަށް "ސެލްފް ޑިވެލޮޕްމެންޓް"ގެ ކަންކަމަށް ހިތްވަރުދީ، ދާއިރާގެ ހުނަރު އިތުރުކުރުމާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމެވެ.

ފަނޑިޔާރުން ވީއްލާނެ ހާލަތްތައް

  • ލެކްޗަރެއް ނުވަތަ ތަމްރީނެއް ދިނުމަށް ނުވަތަ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން އެދިގެން ކުރާ ދިރާސީ މަސައްކަތްތަކަށް
  • ޝަރުއީ ދާއިރާއިން އިންތިޒާމްކޮށްގެން ހިންގާ އެކި އެކި ޕްރޮގްރާމްތަކަށް
  • ކޯސްތަކުގެ ނުވަތަ ތަމްރީން ޕްރޮގްރާމްތަކުގެ ކުލާސްތަކާއި އިމްތިހާނުތަކަށް
  • ކުރު މުއްދަތުގެ ފުލްޓައިމް ތަމްރީން ޕްރޮގްރާމްތަކަށް
  • ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް
  • ޝަރުއީ ދާއިރާއެއްގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތައް ނުވަތަ ބޭރު ގައުމެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާގެ މަސައްކަތައް

ފަނޑިޔާރުން ވީއްލުމަށް އެދި ހުށަހެޅޭނެ ހާލަތްތަކުގެ ތެރެއިން ޝަރުއީ ދާއިރާއިން އިންތިޒާމްކޮށްގެން ހިންގާ އެކި އެކި ޕްރޮގްރާމްތަކަށް ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ ޑިޕާންޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށެވެ. މިހާލަތު ފިޔަވާ އެހެން ހާލަތްތަކުގައި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ ލިޔުމުން އެކަމަށް އެދޭ ފަނޑިޔާރެވެ.

ފަނޑިޔާރުން ވީއްލުމަށް އެދި ހުށަހަޅާއިރު ތަމްރީނު އިންތިޒާމުކުރާ ފަރާތުން ދައުވަތު ދިން ނުވަތަ ޖާގަ ލިބުނުކަމުގެ ލިޔުމާއި އޭގެ މުއްދަތު އަންގައިދޭނެ ލިޔުމަކާއި ދަތުރު ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ޕްރޮގްރާމް ކުރިއަށް ދާނެ ގޮތް އަންގައިދޭ ލިޔުމަކާއި ޓައިމްޓޭބަލް ހުށަހަޅަން ޖެހެ އެވެ.

ފަނޑިޔާރުން ވީއްލައި ދިނުމުގައި ބަލާނެ މިންގަނޑުތައް

  • ފަނޑިޔާރަކު ކުރާ މަސައްކަތާއި ފުރިހަމަކުރާ ތަމްރީނަކާ ގުޅުން ހުރި މިންވަރު
  • ފަނޑިޔާރުގެ ކޭސް ޑިސްޕޯސަލް ރޭޓް
  • ހިދުމަތުގެ މުއްދަތު
  • ޖުޑީޝަރީން ކުރިއަށްދާ ބިނާކުރަނިވި މަސައްކަތާއި ތަމްރީނުތަކުގައި ބައިވެރިވާ މިންވަރު
  • މަސައްކަތުގެ ފެންވަރު ވަޒަންކުރާ އިވެލުއޭޝަނުން އެންމެ ފަހުން ލިބިފައިވާ ނަތީޖާ
  • ޖޭއެސްސީން ތަހުގީގުކޮށް ސާބިތުވެފައިވާ މައްސަލަތަކުގެ ތުހުމަތުގެ ކުޑަބޮޑުމިން
  • ހާޒިރީ ރިކޯޑުތައް

ތިން މަހަށް ވުރެ ކުރު މުއްދަތުގެ ޕްރޮގްރާމްތަކަށް ހުއްދަ ދިނުމަށް ހަމަޖައްސާފައިވަނީ ޖޭއެސްސީގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެއަށް ވުރެ ދިގު މުއްދަތެއްނަމަ، އޭގައި ގޮތެއް ނިންމާނީ ކޮމިޝަނުންނެވެ.

ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފަނޑިޔާރު ކޯހުން ފާސް ނުވެއްޖެނަމަ ނުވަތަ ކޮމިޝަނުގެ ހުއްދަ ނެތި ކޯސް ހުއްޓައިލައިފިނަމަ ނުވަތަ ކޯހަށް ހާޒިރުނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ކޯހުން ވަކިކޮށްފިނަމަ، ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ކޯހަށްވާ ވީއްލި މުއްދަތުގައި ފަނޑިޔާރަށް ދީފައިވާ މުސާރަ އާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަނބުރާ ދައްކަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. ހަމައެއާއެކު މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ވީއްލުމުން ފަނޑިޔާރުން، އިތުރު މުއްދަތަކަށް ހިދުމަތް ކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.