ޖޭއެސްސީ

ހުކުމްކުރުން ލަސްކުރުމުން ރަފީއުއްދީން ސަސްޕެންޑްކޮށްފި

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ހުކުމް ކުރާ މަޖިލިސް ބާއްވާފައި ނުވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ސަސްޕެންޑްކޮށްފި އެވެ.

ރަފީއުއްދީން ސަސްޕެންޑްކުރީ އަވަސްނިޔާގެ އަޑުއެހުމުގައި ހުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކޮށް އޭގެ ފަހުންވެސް ތާވަލުކުރެވުނު ޖަލްސާ ކެންސަލްކުރި މައްސަލައިގަ އެވެ.

ގާނޫނުގައިވާ ގޮތުން މައްސަލައެއްގައި ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރާ މަޖިލިސް ބާއްވަންޖެހެ އެވެ.

އެ މައްސަލައިގައި ހުކުމްކޮށްފައިނުވަނީ ރަފީއުއްދީނުގެ އިހުމާލު އޮވެގެންކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން ސާފުކޮށް އެނގޭ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ރަފީއުއްދީން ސަސްޕެންޑްކޮށްފައިވަނީ މިއަދުން ފެށިގެން ހަތް ދުވަސް ވަންދެން ވަޒީފާއަށް ނުނިކުމެވޭ ގޮތަށެވެ. ރަފީއުއްދީން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީގެ 46 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން މިދިޔަ މަހު މި މައްސަލައިގައި ރަފީއުއްދީނަށް ވަނީ ނަސޭހަތްދޭން ނިންމާފަ އެވެ.