ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ދެ އަހަރު ތެރޭގައި 150 އިންސައްތަ ވަޒީފާ އިތުރުކޮށްފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފި އެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްން ކުރި ދިރާސާއަކަށްފަހު އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި މިއަހަރު އެކަނި 15،000 ވަޒިފާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއާކު ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މިއަހަރު ނިމޭއިރު 25،000 އަށް އިތުރުވާނެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 2021 ވަނަ އަހަރު ތިބި މުވައްޒަފުންގެ އަަދަދު ހުރީ 10،000 އަށެވެ.
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުންކުރާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކުންފުނިތައް ހިންގުމުގައި "ގަވާނަންސް ރިސްކް" ނުވަތަ ހިންގުމުގެ ދާއިރާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ކުންފުނިތަކަށް ހުރި ގޮންޖެހުންތައް:
- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް އޮތުމާއި ބޯޑު މެންބަރުން މެދުވެރިކޮށް ސިޔާސީ ނުފޫޒާއި އިންތިހާބީ މަންފާއަށް މަގުފަހިކުރުން.
- ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ކުންފުނިތަކުގެ ހިންގުންތެރިންނާއި އޮންނަ ސިޔާސީ ގުޅުމުގެ ސަބަބުން، ކުންފަނިތަކުން ވަޒީފާ ދިނުމުގައި ސިޔާސީ އަދި ނާޖާއިޒު ފައިދާއަށް މަގިފަހިވުން.
- ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ހަރުދަނާ އުސޫލެއް ނެތި އެކި ސަރަހައްދުތަކުގައި ހިންގާ ހަރަކާތްތަކަށް ހަރަދުކުރުމުގަައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ބޮޑުވުން.
- ޕްރޮޖެކްޓްތައް ހިންގާއިރު ކުންފުނިތަކުގެ އެތެރޭގެ ހިރާސްތައް ހައްލުކުރާނޭ ނިޒާމުތައް ބައެއް ކުންފުނިތަކުގައި ނެތުމުގެ ސަބަބުން ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ބޮޑުވުން.
ކުންފުނިތަކަށް ހުރި ގޮންޖެހުންތަކަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ވޯލްޑް ބޭންކްގެ ރިޕޯޓްތަކުގައި ކުރިންވެސް ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކެކެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވާނެންސް ނިޒާމުތަކުގެ ހާމަކަން ވަރަށް ކުޑަކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މިރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގައި 50 އިންސައްތައަށް ވުރެ ބޮޑަށް ހިއްސާވާ އަދި އިގްތިސޯދީ އެންމެ ބޮޑު އެއް ދާއިރާއަކީވެސް ދައުލަތް ހިއްސާވާ ކުންފުނިތަކެވެ.
މިދިރާސާގައި އިންޓަވިއުކުރި ގިނަ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އިންތިހާބީ ނާޖާއިޒު ފައިދާ ކުރިންވެސް އަދި މިހާރުވެސް ނަގާ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ.