އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަނީ ސަރުކާރުން އަންގައިގެން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ އެންގުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިހުތިޖާޖުގެ ބައިވެރިންގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޕީޕީއެމް-ޕީއެންސީ އިން ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ފޮނުވި ގޭންގަކުން އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާފައިވާ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.
ރޭގެ އިހުތިޖާޖުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުން ނޭވާއަށް އުނދަގޫވެ ހާސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް އިދިކޮޅުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހަރަކާތުގެ ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލްގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހުމުން ލޯލަށް ނުފެންނަ ވަރަށް ލޯ ދުޅަވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މީޑިއާ ފާސް އަޅައިގެން ތިބި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިންގެ އަގުބޮޑު ސާމާނަށް ފުލުހުން ގަސްތުގައި ގެއްލުންދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށް އައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށްވެސް ދަށު ދަރަޖައިގެ އަމަލުތަކެއް،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް-ޕީއެންސީން ބުނި ގޮތުގައި އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައި މިވަނީ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގެ ގާނޫނީ ޒިންމާ ހަވާލުކުރެވިފައިވާ މުއައްސަސާތަކުން އެފަރާތްތަކާއި ގާނޫނު އަސާސީއާއި ގާނޫނުތަކުން ހަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ފަސްޖެހޭތީ އެވެ.
އެކަންކަން ހުއްޓުވުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކުން މިކަންކަމަށް ދޭންވާ ސަމާލުކަންދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.