މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާވެރި ގޮތަކަށް ހައްޔަރުކުރި މީހާ ކޯޓުގެ އަމުރާއެކު ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ މުޒަހަރާގެ ތެރެއިން އަނިޔާވެރި ގޮތަކަށް ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން މި މީހާ ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލަން އަމުުރުކުރުމާ ގުޅިގެންނެވެ.

ހައްޔަރުކުރެވުނު މީހާއަކީ މުޒާހަރާކުރަމުން ދަނިކޮށް ކުޑަކުއްޖަކު ގޮވައިގެން ސައިކަލްގައި ގޮސް، ސައިކަލް މަޑުކޮށް ފުލުހުންގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ހައްޔަރުކުރެވުނު މީހެކެވެ. މި މައްސަލައިގައި ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ނަމަވެސް އަމާޒުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި އެއްޗެއް އެއްލި މައްސަލައެއްގައި ކަމަށެވެ. އަދި އެ ވަގުތު އޭނާ ކައިރީގައި ކުޑަކުއްޖަކު ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިއްޔެ ސުލްހަވެރި އިހުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ އެ އަމަލު ޕީޕީއެމް އިން ކުށްވެރިކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މަގުތަކަކީ އާންމުންނަށް އަމާން ތަނެއް ކަމުގައި ހެދުމުގެ ޒިންމާ ހަވާލުވެފައިވާ ފުލުހުންގެ ފަރާތުން، ހިނގާ ބިގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ވަކި ސަބަބު ނާންގައި ފުލުހުން އަނިޔާކުރަން ފެށުމަކީ މަގުތަކުގެ އަމާންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ.

މިމައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލާފައިވެސް ވެއެވެ.