އިންޑިއާގެ އިންޑިގޯ އެއާލައިނުން 500 އެއާބަސް އޭ320 އަށް އޯޑަރު ދީފި އެވެ.
އިންޑިގޯ އެއާލައިނާއި އެއާބަސްއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރީ ފްރާންސްގެ ވެރިރަށް -- ޕެރިހުގައި މިހާރު ހިނގަމުންދާ "ޕެރިސް އެއާ ޝޯ" ގައެވެ.
އިންޑިގޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު -- ޕީޓާ އެލްބާސްއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މިއީ މަދަނީ ވައިގެ އުދުހުންތަކަށް އެންމެ ގިނައިން އެއްފަހަރާ މިހާ ގިނަ ބޯޓު ގަތުމަށް އޯޑަރު ދިން ފުރަތަމަ ފަހަރެވެ.
އެއާބަސްއިން ބުނި ގޮތުގައި އިންޑިގޯއަށް ބޯޓުތައް ހަވާލުކުރަން ފަށާނީ 2030 ގައި -- އެއީ މުޅި އޯޑަރު 2035 ގައި ޚަލާސްކުރެވޭ ގޮތަށެވެ.
މި އޯޑަރާ ބެހޭ ގޮތުން ޕެރިސް އެއާ ޝޯގައި ވާހަކަދައްކަވަމުން، އެއާބަސްގެ ވެރިޔާ ގިއަމް ފޫރި ވިދާޅުވި ގޮތުގައި މިއީ އެއާބަސް ގިރާކުރި އުސް އޮޅިގަނޑެކެވެ. އަދި އެއްފަހަރާ މިހާ ގިނަ އަދަދަކަށް އެއާބަސްއިން މަތިންދާބޯޓު ވިއްކާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިގޯގެ ވިސްނުމަކީ ދުނިޔޭގެ އާބާދީ ގިނަ ގައުމުތަކަށް ފްލައިޓްތައް އިތުރުކުރުމެވެ. މި ވިސްނުމުގައި އިންޑިގޯ އަށް އެންމެ ގިނައިން ހޯދާނެ ކަމަށް ވަނީ އެއާބަސްގެ އޭ320 މަރުކާގެ މަތިންދާބޯޓުތައް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
އިންޑިގޯ އަކީ އިންޑިއާގައި ވެސް ކާމިޔާބު އެއާލައިނެކެވެ. ދުނިޔެއަށް ކޮވިޑް ލައިގަތުމުގެ ކުރިން އިންޑިގޯއަށް ހުރި ފުރުސަތުތަކާ ކޮވިޑަށްފަހު އަދި ހަމަނުކުރެވުނު ނަމަވެސް އިންޑިގޯއިން ބުނާ ގޮތުން މަންޒިލްތައް އިތުރުކުރި ވަރަކަށް އުދުހޭ މީހުން ގިނަވާނެ އެވެ.
އިންޑިއާ އަކީ ވައިގެ ދަތުރުތަކަށް ޑިމާންޑް އޮތް އަދި ޑިމާންޑް އިތުރުވަމުން އަންނަ ގައުމެކެވެ. މިހެންކަމުން މަދަނީ އުދުހުންތަކަށް އިންވެސްޓް ކުރުމަކީ ގެއްލުމެއް އޮތް ކަމެއް ނޫނެވެ.
އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން މީގެ ކުރިން އެންމެ ގިނަ އަދަދަކަށް މަތިންދާބޯޓު ގަތުމަށް އޯޑަރުދީފައި ވަނީ އެއާ އިންޑިއާއިންނެވެ. އެއީ 470 މަތިންދާބޯޓަށެވެ. އެހެން ނަމަވެސް އެއާ އިންޑިއާއިން މި އޯޑަރު ދެބައިކޮށް އެއާބަސް އަށާއި ބޮއިންނަށް ދިނީ އެވެ.