ދުނިޔެ

އިންޑިއާގެ ގުޖުރާތުން ޓެސްލާ ޝޯރޫމަށް ބިންދޫކޮށްފި

އިންޑިއާގެ ގުޖުރާތުން ޓެސްލާއަށް 400 ހެކްޓަރުގެ ބިމެއް ދޫކޮށްފި އެވެ. އެއީ ޓެސްލާ މަރުކާގެ ކަރަންޓް ކާރު މޮޑެލްތަކަށް ހާއްސަ ޝޯރޫމަކާއި ސާވިސް ސެންޓަރެއް ބިނާ ކުރުމަށެވެ. އިންޑިއާއަށް ޓެސްލާ ކާރުތައް ތައާރުފުކޮށް ވިޔަފާރި ފުޅާ ކުރުމަށްޓަކައި ސާވިސް ސެންޓަރަކާއި ޝޯރޫމް އަޅާނެ ބިމެއް މިއަހަރު ކުރީކޮޅުން ފެށިގެން އެ ކުންފުނިން އަންނަނީ ހޯދަމުންނެވެ.

ޓެސްލާގެ ރިސާޗް އެންޑް ޑިވެލޮޮޕްމަންޓް ސެންޓަރެއް ބެންގަލޫރުގައި މިހާރު ވެސް ހުރެ އެވެ.

ޓެސްލާއަށް ބިން ލިބުނު ސަރަހައްދާ މެދު އެ ކުންފުނިން އެހާ ހިތްހަމަ ޖެހުނުހެން ހިއެއް ނުވެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން ބެންގަލޫރާ އަޅާ ބަލާއިރު ގުޖުރާތުގެ އެ ސަރަހައްދަކީ އިޖުތިމާއީ ދިރުން ކުޑަ ހިސާބެކެވެ. އެހެންކަމުން ޓެސްލާއިން އުންމީދުކުރާ ވަރަށް ވިޔަފާރި ކުރެވިދާނެ ކަމާ މެދު ޝައްކެވެ.

ޝޯރޫމް ބިނާ ކުރަން އެހެން ބިމެއް ލިބޭތޯ ގުޖުރާތާއި ކަރުނާޓަކާ ސަރުކާރާއެކު ޓެސްލާއިން މަޝްވަރާ ކުރަމުން އަންނައިރު، ގުޖުރާތުގައި ވިޔަފާރި ފެށުމުން ވެދާނެ ގޮތެއް އަންދާޒާކުރަން ރިއަލް އެސްޓޭޓް ފާމަކާ ހަވާލު ކޮށްފައިވާ ކަމަށް ޓެސްލާއިން ބުނެ އެވެ.

ގުޖުރާތުގައި ޝޯމްރޫމް އަޅަން ޖެހުނު ނަމަވެސް އިންޑިއާގެ ސްޓޭޓްތަކުގައި ތިބި މަހުޖަނުންނާ ހިސާބަށް މޮޑެއްލްތައް ގެންދެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށްޓަކައި ޕަބްލިކް ރިލޭޝަން ޓީމްތަކަކުން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޓެސްލާއިން ބުނެ އެވެ.

ޓެސްލާއިން ބުނީ އިންޑިއާގައި ޝޯރޫމެއް ހުންނަން ޖެހޭ ކަމަށާއި ވިޔަފާރިން ފައިދާ ހޯދޭނީ ކޮން މޮޑެލްއަކަށް ކުންފުނި ހިންގައިގެންތޯ ބަލަމުން އަންނަ ކަމަށެެވެ. ދިރާސާތައް ރަނގަޅު ނަތީޖާއަކާ ހަމައަށް ފޯރައިފި ނަމަ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޝޯރޫމަށާއި ސާވިސް ސެންޓަރަށް މުވައްޒަފުން ތަމްރީނު ކުރުމުގައި އިންޑިއާ މީހުންނަށް އިސްކަން ދޭނެ ކަމަށް ޓެސްލާއިން ބުނެ އެވެ. އެކުންފުނިން ބުނީ އިންޑިއާ މީހުން ހިމެނޭ ގޮތުން މިހާރު ވެސް ޕިއާރު ޓީމެއް ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.