ލިވަޕޫލަށް ކުޅެމުންދާާ އިޓަލީގެ ފޯވަޑް މާރިއޯ ބަލޮޓެލީ އަށް ލިވަޕޫލްގެ ޓީމުން ޖާގަ ލިބޭނީ ޓްރެއިނިންގައި މަސައްކަތްކޮށްގެން ކަމަށާއި ޖާގަ ހޯދަން އޭނާ މިހާރު އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
އިޓަލީގެ އޭސީ މިލާން އިން މި ސީޒަންގައި ލިވަޕޫލަށް ބަދަލުވި ބަލޮޓެލީ އަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި އަދި ލަނޑެއް ނުޖެހެ އެވެ. އަދި ލިވަޕޫލަށް މިހާތަނަށް ކުޅެފައިވާ މެޗުތަކުގައި ބަލޮޓެލީ ދައްކާފައިވާ ކުޅުމަށް އޭނާ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ބޯލްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗަށް ރޮޖާސް ނެގި ސްކޮޑްގައި ބަލޮޓެލީ އަށް ޖާގައެއް ނުލިބުނެވެ. ބޯލްޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ބޯލްޓަންގެ ދަނޑުގައި ދެވަނަ މެޗެއް ވަނީ ކުޅެންޖެހިފަ އެވެ.
"ބަލޮޓެލީ އަށް މިހާރު އެނގޭނެ ސްކޮޑުން ޖާގަ ހޯދަން ބޭނުންނަމަ އޭނާ ކުރަންޖެހޭނެ ކަންތައްތައް،" ރޭގެ މެޗަށް ފަހު ރޮޖާސް ބުންޏެވެ. "އަހަރެން ކޮންމެ ދުވަހަކު ވެސް ޓްރެއިނިންގައި ކުޅުންތެރިންނަށް އިންސާފުކުރަން. ބަލޮޓެލީ އަށް ވަކި ހާއްސަ ގޮތެއް ނޯންނާނެ. ކޮންމެ ކުޅުންތެރިއަކަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް. ސްކޮޑުން ޖާގަ ބޭނުންނަމަ، ޓްރެއިނިންގައި ވެސް ގަދަ އަޅައި މަސައްކަތްކުރަންޖެހޭނެ."
ރޮޖާސް ބުނީ ބަލޮޓެލީއާ އިއްޔެ ވާހަކަދައްކައި، އޭނާ އަށް ޓީމުން ފުރުސަތު ލިބެން އޮތް ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައިވާނެ ކަމަށެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ލިވަޕޫލްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް ވަނީ މިހާރު ފިޓުވެފަ އެވެ. އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި ސްޓަރިޖް ފެނުމުގެ ފުރުސަތު ބޮޑެވެ. ސްޓަރިޖް އެނބުރި އައުމާއެކު، ލިވަޕޫލްގެ ޓީމުން ޖާގަ ހޯދަން ބަލޮޓެލީ އަށް އިތުުރު މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. -- ބީބީސީ