ޒުވާން ފޯވަޑް އަންސާރު އިބްރާހީމް (އަންކޮ) ސްރީލަންކާ ކޮޅަށް ޖެހި ދެ ލަނޑާއެކު 3-1އިން މޮޅުވެ ސައުތު އޭޝިއަން ގޭމްސްގެ ފެށުން ރާއްޖެ ރަނގަޅުކޮށްފި އެވެ.
އިންޑިޔާގައި ހުކުރި ދުވަހު ފެށި ގޭމްސްގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު މިއަދު ލަންކާ ކޮޅަށް އަންކޮ ވައްދާލީ 28 ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން އަހުމަދު ނާޝިދު (ނާއްޓޭ) ޖެހި ލަނޑުން ލީޑު ފުޅާކޮށްފައި އޮއްވައި އަންކޮށް ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.
މި މެޗަށް ފަހު ރާއްޖެ ދެން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ. މި މެޗު ކުޅޭނީ މާދަމާނޫން އަނެއް ދުވަހު އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިޔާ ހިމެނޭއިރު އިއްޔެ ނޫން އިހަށް ދުވަހު ލަންކާ އަތުން 1-0އިން އިންޑިޔާ ބަލިވެފައިވާތީވެ ގްރޫޕުން ސެމީ އަށް ދާނެ ދެ ޓީމު ފައިނަލްވާނީ ރާއްޖެ އިންޑިޔާ މެޗަށް ފަހު އެވެ.
ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު ވެސް ވަނީ އިންޑިޔާއާ އެއްވަރުކޮށް ނޭޕާލް އަތުން އިއްޔެ 2-0އިން މޮޅުވެ އެވެ. ތިން ވަނަ މެޗުގައި އަންހެން ޓީމު މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.