ހއ. ކެލާ

އީދު ފާހަގަކުރަން ގެންނަ އިންޑިއާ ބޭންޑަށް ހަތަރުލައްކަ ހަރަދުކުރަނީ

ހއ. ކެލާގައި އީދު ފާހަގަކުރަން އިންޑިއާ އިން ގެންނަ ބޭންޑަކަށް ހަރަދުކުރުމަށް 400،000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ކެލާ ކައުންސިލުން މިހާ ބޮޑު ހަރަދެއް ކޮށްގެން އިންޑިއާ ބޭންޑެއް ގެންނާތީ ކެލާގެ ބައެއް ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވެ އެވެ.

މިކަމާ ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވީ އިންޑިއާ ބޭންޑަށް ހަރަދުކުރަން ކައުންސިލުން ފާސްކުރި ބަޖެޓާ މެދު ބައެއް މީހުންނަށް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

"ހަގީގަތުގައި ބޭންޑަށް ހަރަދުކުރަން ފާސްކުރީ 400،000 ރުފިޔާގެ ބަޖެޓެއް. އެއީ އެ ބޭންޑްގެ ހުރިހާ ކަމަކަށް ހަރަދުކުރެވޭނެ މެކްސިމަމް ސީލިން. މީގެ މާނައަކީ 400،000 ރުފިޔާ އެއްކޮށް ހަރަދުކޮށް ހުސްކޮށްލުމެއް ނޫން. ކުޑަކޮށް ހަރަދުކުރެވޭނަމަ ކުޑަކޮށް ކުރާނީވެސް،" އިންފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ބޭންޑަށް ހަރަދުކުރަން ދައުލަތުން ކައުންސިލަށް ދޫކޮށްފައިވާ އެއްވެސް ފައިސާއެއް ހަރަދުނުކުރާނެ ކަމަށެވެ. އޭގެބަދަލުގައި އެ ފައިސާ ހަރަދުކުރާނީ ކައުންސިލަށް ލިބޭ އާމްދަނީއަކުންނާއި، ސްޕޮންސަރުން ދޭ ފައިސާ އިންނާއި އަދި ޓީޝާޓް ފަދަ ތަކެތި ވިއްކައިގެން ކަމަށެވެ.

އިންޑިއާގެ ދިއްލީގައި މަސައްކަތް ކުރާ "ބޮލީވުޑް ދަމަކް" ކިޔާ ބޭންޑް ކެލާއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މި ބޭންޑް ކެލާގައި ތިން ރޭ ޝޯ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކެލާގައި އީދު ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމާއި، ކުރުފަލި ޖެހުމާއި މާލި ނެށުމާއި، ލަގިރި ޖެހުމާއި، ބޮޑުމަސް ކުޅުން ފަދަ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އިންފާޒު އިތުރަށް ވިދާޅުވީ ބޮޑު ހަރަދެއް ކޮށްގެން އީދު ފާހަގަކުރަން ކައުންސިލުން ނިންމީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށެވެ. އެއީ އީދުގެ އުފާވެރިކަން ހުރިހާ ރައްޔިތުންނަށްވެސް ހޯދައިދިނުމަށާއި، ރަށް ޕްރޮމޯޓްކޮށް ރަށަށް ގިނަ މީހުން ގެނެސް އިގްތިސާދީ ފައިދާތަކެއް ހޯދުން ކަމަށްވެސް ވިދާޅުވި އެވެ.