ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރީން އޮތް މަލިކަށް އީދު ދުވަހަކީ މާދަމާ އެވެ.
އިންޑިއާގެ ބައެއްގެ ގޮތުގައި މަލިކަށް އީދު ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅާފައި ވަނީ އެ ގައުމަށް ޝައްވާލު މަހުގެ ހަނދު މިރޭ ފެނުމާއި ގުޅިގެންނެވެ. އެހެން ކަމުން އިންޑިއާއަށް އީދު ދުވަހަކީ މާދަމާ ކަމުގައި ވަނީ އިއުލާނުކޮށްފައެވެ.
ސައްތައިންސައްތަ މުސްލިމު އާބާދީއޮތް މަލިކުގައި އީދާ ގުޅިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ހާއްސަ ކަމަކީ އީދު ނަމާދަށް ފަހު އޮންނަ ރައްޔިތުންގެ ޖާފަތެވެ. އީދު ޖާފަތަށް ތައްޔާރުވުމުގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.
މިއަދުގެ އިރުއޮއްސުމާއެކު އީދު ޖާފަތް ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
އެގާރަ އަވަށުގެ މައްޗަށް އޮތް މަލިކުގައި ކޮންމެ އަވަށެއްގައިވެސް އީދުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަަލިކުގެ ދެ މިސްކިތެއްގައެވެ.
ދެ މިސްކިތުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ފަހު ރައްޔިތުން އެކުގައި އީދު ޖާފަތުގައި ބައިވެރިވާނެ އެވެ. މިފަހަރުގެ ޖާފަތުގައިވެސްް އެންމެ ހާއްސަ ކެއުމަކަށް ވާނީ ގެރި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
މީގެ އިތުރުން މަހުން ތައްޔާރު ކުރާ ތަފާތު ރިހަ އާއި ކެއުމުގެ ބާވަތްތައް ހުންނާނެ އެވެ.
ފިރިހެނުންގެ މަަސައްކަތަކީ ގެރި ކަތިލާ ކޮށާ ސާފު ކުރުމެވެ. ގެރި ކެއްކުމުގެ މަސައްކަތުގައިވެސް ފިިރިހެނުންގެ ދައުރު ބޮޑެވެ. މަސް ކެނޑުމާއި ކޮށުމާއި ކެއްކުމަކީ އަންހެނުންގެ މަސައްކަތެވެ.