އިންސާނީ ވަގުފާރި

މެންބަރު ރިޒާގެ ހިއުމަން ޓްރެފިކިން ދައުވާތައް ނެގުމުން އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި

Jun 21, 2023
4

ހިއުމަން ޓްރެފިކިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާއަށް ދައުލަތުން ކުރި ދައުވާތަށް ނެގުމުން އެމެރިކާއިން ކަންބޮޑުވެއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކުރި "2022 ޓްރެފިކިން އިން ޕާސަންސް ރިޕޯޓް: މޯލްޑިވްސް" ގައި އިންސާނީ ވަގުފާރި -- ހިއުމަން ޓްރެފިކިންގައި ރާއްޖެއިން ފާހަގަކުރޭ ކަންކަން ހިމަނާފަ އެވެ.

އެގޮތުން ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް މަސައްކަތްކުރި ބިދޭސީންނާމެދު އަމަލުކުރި ގޮތުން ސަރުކާރުގެ މަޖިލިސް މެންބަރަކަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްވުމުން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް، އެކަން ހުއްޓުވަން އައި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ހިންގައިފަ އެވެ.

އެމެރިކާއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ހިއުމަން ޓްރެފިކިން ނައްތާލުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ މިންގަނޑަށް ރާއްޖޭގެ ސަރުކާރަށް މަސައްކަތް ނުކުރެވުނު ނަމަވެސް ހިއުމަން ޓްރެފިކިންގައި ރާއްޖެއިން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ހިއުމަން ޓްރެފިކިންގައި އެމެރިކާއިން ރާއްޖެ މިހާރު ގިންތިކޮށްފައިވަނީ "ޓިއާ 2"ގަ އެވެ. "ޓިއާ 2" ގައި ހިމެނެނީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުން ހިމާޔަތްކުރަން ކަނޑައަޅާފައިވާ ކަންކަން މުޅިން ފުރިހަމަ ނުވި ނަމަވެސް އެކަމަށް މަސައްކަތްކުރާ ގައުމުތަކެވެ.

އެމެރިކާގެ ރިޕޯޓުގައި ވަނީ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުން އިތުރު ކުރުމަށް ލަފާ ދީފަ އެވެ. އަދި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުން ހޯދުމަށް ކުރާ މަސައްކަތް އިތުރުކުރުމަށާއި ފިޔަވަޅު އެޅުމުގައި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެދިފަ އެވެ.