ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

Jun 21, 2023

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީ ރައީސް ނަޝީދު ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ތިޔަ ޕާޓީ އިން ވަކިވި ވާހަކަ ދެންނެވީމެވެ،" ނަޝީދު އަތްޕުޅުން ލިޔުއްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އެމްޑީޕީ ރަޖިސްޓްރީކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރޭގައިވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ މިހާރުގެ ލީޑަޝިޕާއި ރައީސް ނަޝީދާ އެންމެ ފުރަތަމަ މައްސަލަ ދިމާވި އެއް ކަމަކީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހިސާބުންނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ މިވަގުތު ގައުމުގައި ކުރަން ހުރި ކަންކަމަށް ބަލާއިރު އިސްކަންދޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް އިތުރަށް ގޯސްވެ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށް ދިޔައީ ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައިގެން ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެން ހިސާބުންނެވެ.

ރައީސް ނަޝީދު މީގެކުރިން އެމްޑީޕީ ކޮންޓްރޯލް ކުރެއްވި ނަމަވެސް މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށްފަހު ރައީސް ނަޝީދަށް ވަނީ އެމްޑީޕީގެ ކޮންޓްރޯލް ގެއްލިފަ އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ރަޖިސްޓްރީ ކޮމިޝަނުން އަދި ދޫކޮށްފައެއް ނުވެ އެވެ.