ފިނިޕޭޖް

ފެރެލްގެ ލުއީ ވިތޯން ޝޯއާމެދު ފޭނުންގެ ހިޔާލު ތަފާތު

ލަވަކިޔުންތެރިޔާ ފެރެލް ވިލިއަމްސް، 49، ލުއީ ވިތޯންގެ މެންސް ކްރިއޭޓިވް ޑައިރެކްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ފެޝަން ޝޯ ބާއްވައިފި އެވެ.

ޕެރިސްގައި ބޭއްވި ލުއީ ވިތޯންގެ ސްޕްރިންގް/ސަމާ 2024 މެންސްވެޔާ ކަލެކްޝަން ޝޯއަށް ގިނަ އަދަދެއްގެ ލަވަކިޔުންތެރިންނާއި ސެލެބްރިޓީން ގޮސްފައިވެ އެވެ. މީގެތެރޭގައި ބިޔޯންސޭ އާއި، ޖޭޒީ، ރިއާނާ އާއި، އޭސެޕް ރޮކީ، ޒެންޑާޔާ، ލެނީ ކްރެވިޓްޒް، ނައޯމީ ކެމްބެލް، ޖެރެޑް ލެޓޯ، ކިމް ކާޑޭޝިއަން، އަނީޓާ، ބޭމްބޭމް، ޔޫޓާ، ލޯ ރޯޗް، މޭގަން ތީ ސްޓެލިއަން، ލިބްރޯން ޖޭމްސް އާއި ލުވިސް ހެމިލްޓަން ފަދަ އެތައް ސެލެބްރިޓީއެއް ހިމެނެ އެވެ.

މި ޝޯގައި 70 އަށް ވުރެ ގިނަ ފިރިހެނުންގެ ހެދުމާއި އެކްސެސަރީޒް ދައްކާލި އެވެ.

މި ޝޯއަށް ދިޔަ ގިނަ ސެލެބްރިޓީން ވަނީ ލުއީ ވިތޯންގެ ހެދުމާއި އެކްސެސަރީޒް ބޭނުންކޮށްފަ އެވެ.

މި ޝޯގައި ފެރެލްގެ ބައެއް ރައްޓެހި ރެޕާއިންނާއި ކުރީގެ އީވް ސޭން ލޯރެންގެ ކްރިއޭޓިވް ޑައިރެކްޓާ ސްޓެފާނޯ ޕިލާޓީ މޮޑެލްކޮށްފައިވެ އެވެ. މޮޑެލްތައް ރަންވޭގައި ހިނގުމަށްފަހު، ފެރަލް ވަނީ އޭނާގެ ޑިޒައިން ޓީމް ރަންވޭއަށް އަރުވާ އެންމެންނަށް ސެލިއުޓްކޮށްފަ އެވެ. އަދި މި ޝޯ ނިމުމުގެ ކުރިން ޖޭޒީއާ އެކު ރެޕްކޮށްފައިވެ އެވެ.

މި ކަލެކްޝަނަށް ފެރެލްގެ ގާތް ސެލެބްރިޓީންނާއި ގިނަ ބައެއްގެ ތައުރީފް ލިބިފައިވާއިރު، ބައެއް ފޭނުންނާއި ނޫސްތަކުގައި ފާޑުކިޔުންވެސް ރައްދުވެފައިވެ އެވެ. މީގެތެރޭގައި ޑެމޮފްލާޖް ޑިޒައިން މައިންކްރާފްޓް ގޭމްގެ ޑިޒައިންނާ ވަރަށް ވައްތަރު ކަމަށާއި މައިންކްރާފްޓް ކޮޕީކުރީތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ. އަދި ފެރަލް އަކީ ލަވަ ކިޔާ މީހެއް ކަމަށާއި ޑިޒައިނަރެއް ނޫން ކަމުގައިވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މިދިޔަ ފެބްރުވަރީ މަހު ލުއީ ވިތޯން އިން ފެރެލް މެންސް ކްރިއޭޓިވް ޑައިރެކްޓަރުގެ ރޯލަށް އައްޔަނުކުރުމުންވެސް ގިނަ ބައެއްގެ ފާޑުކިއުން ފެރެލްއަށާއި ލުއީ ވިތޯންއަށް ކުރިމަތިވެފައިވެ އެވެ.