އެމްޑީޕީ

ސަމީރާއެކު ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރުންތަކެއް އެމްޑީޕީއަށް

Jun 21, 2023
2

ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރުންތަކަކާ އެކު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ސަމީރުއާއި އެކު މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި ބޭފުޅުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ބައިވެރިވެވަޑައިގަތެވެ.

ސަމީރު މިދިޔަ މާޗް މަހުގެ ތެރޭގައި ޖޭޕީން އިސްތިއުފާ ދެއްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެންނެވެ.

ސަމީރުއާ އެކު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއާއި، އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުއާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލްހަންނާން ވަހީދާއި ފިލްމީ ތަރި އަޒޭ ވެސް ހިމެނެ އެވެ.

އެމްޑީޕީއާ މިއަދު ގުޅުނު ޖޭޕީގެ ބޭފުޅުންނަކީ މިދިޔަ ދުވަސްތަކުގައި ޖޭޕީގެ ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބަވައިގެން އެ ޕާޓީއަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންތަކެކެވެ.