ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިން ރަނގަޅަށް ވާހަކަދައްކަން ނޭނގޭ ކުދިން ގިނަ: ރައީސް

ދިވެހި މާހައުލުގައި އުޅެ ބޮޑެތިވަމުން އައި ނަމަވެސް ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބިކަމީ ފުންކޮށް ވިސްނަންޖެހިފައިވާ ގައުމީ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި، ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ. އެހެންވެ ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރާ އަގުހުރި މަސައްކަތް ރައީސް ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ ދިވެހިންގެ މާދަރީ ބަސް ކަމަށެވެ. ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަން އެމަނިކުފާނު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
މަދަރަސީ މާހައުލާއި އަދި އާންމު މުޖުތަމައުގައި އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ އިތުރުން ކޮންމެ ބަހަކުން ތައުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކުދިންގެ ތޫނުފިލިކަމާއި އިލްމީ ގާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަންވެސް ފާހަގަކުރެއްވި އެވެ.

"މި މައްސަލަ ހައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމައުގެ ވެސް މަސްއޫލިއްޔަތެއް. އަދި މިއީ އަވަސް ހައްލެއް ނުހޯދައިފިނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ އުމުރުފުރަޔާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ އާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި އިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.