ވެލިދޫ

ވެލިދޫ އީދު އުފާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jun 22, 2023

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވެލިދޫ އީދު އުފާ 1444"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ނ. ވެލިދޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ އީދުގައި ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. އަދި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް، ސައިކްލް ރޭސް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ހަވާއެރުވުމާއި އީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕް ވެސް ބައިވެރިވާނެ އެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ މިފަދަ އިޖުތިމާއީ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޟްހާ އީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިއްމު ބައެއް. އެގޮތުން މިފަދަ ކުލަގަދަ ހަފްލާއެއް މުޖުތަމައަށް ގެނެސްދިނުމަށް ދިރާގުން ވެދޭ އެހީތެރިކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އާތިފް ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މުޖުތަމައު ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ.

"އެގޮތުން 'ވެލިދޫ އީދު އުފާ 1444'ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި އީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ އީދަކަށްވުން،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.