ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

1،275 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދެނީ

ސަރުކާރުގެ ހަރަދުގައި 1،275 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމައި ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ވަގުތީ ލިސްޓުގައި 1،225 ދަރިވަރުން ހިމެނުނު ނަމަވެސް ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު އިތުރު 50 ދަރިވަރަކަށް ޖުމްލަ 1،275 ދަރިވަރަކަށް ލޯނު ދޭން ވަނީ ނިންމާފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑެންޓް ލޯނަށް މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ހުޅުވާލީ 720 ދަރިވަރުންނަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރު 1،507 ދަރިވަރުން ކުރިމަތިލާފައިވެ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވަން ފުރުސަތު ލިބޭ މި ލޯނަށް މިދިޔަ ފެބްރުއަރީގައި ހުޅުވާލީ އަލަށް ކިޔަވާ ދަރިވަރުންނަށް 400 ފުރުސަތު އަދި މިހާރުވެސް ކިޔަވާ ދަރިވަރުންނަށް 320 ފުރުސަތު ލިބޭ ގޮތަށެވެ.

ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.