ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑެންޓް ލޯނުގެ ފައިސާ ފަސް ދުވަސް ތެރޭ ލިބޭ ގޮތް ހަދައިފި

ސްޓޫޑެންޓް ލޯނުގެ ފައިސާ ފީ ޝީޓުގައި ސޮއިކުރާތާ ފަސް ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިގޮތަށް ހަމަޖައްސާފައިވަނީ ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަން ނިންމާފައިވާ ބައެއް ދަރިވަރުންނަށް ފައިސާ ލިބުން ލަސްވެ ސޯޝަލްމީޑިއާގައި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށެވެ.

ތަފާސްހިސާބަށް ބަލާއިރު މިއަހަރަކީ އެންމެ ގިނަ ދަރިވަރުންނަށް ސްޓޫޑަންޓް ލޯން ހަމަޖައްސައިދިން އަހަރެވެ. އެގޮތުން މި އަހަރު 1،275 ކުއްޖަކަށް ލޯނު ހަމަޖައްސައިދީފައިވެ އެވެ.

ސްޓޫޑެންޓް ލޯން ހަމަޖެހިފައިވާ ގޮތް

  • 2019 ވަނަ އަހަރު 249 ދަރިވަރުން
  • 2020 ވަނަ އަހަރު 514 ދަރިވަރުން
  • 2021 ވަނަ އަހަރު 450 ދަރިވަރުން
  • 2022 ވަނަ އަހަރު 454 ދަރިވަރުން

ސްޓޫޑެންޓް ލޯން މިއަަހަރު ހަމަޖެހުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރީ މިދިޔަ ޖުލައި ހަތަރުވަނަ ދުވަހު އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯނު ފައިސާ ހަމަޖައްސައިދިނުމަށް 760 ދަރިވަރުން އެދިފައިވާ ކަމަށާއި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާ ދަރިވަރުންގެ ފީ ޝީޓް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވާ ކަމުގެ ޔަގީންކަންދެ އެެވެ.

ބަޔާނުގައި ބުނެފައިވަނީ ލޯނަށް ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭނީ ކަމާ ގުޅޭ ފޯމު ފުރުމަށްފަހު ކަމާ ގުޅޭ ލިޔުންތަކާ އެކު ހުށަހެޅުމުން ކަމަށެވެ. ކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަވުމުން ލޯނުގެ ފީ ޝީޓް ތައްޔާރުކުރެވި ދަރިވަރު ސޮއިކުރުމުން ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

"އެއަށްފަހު ދަރިވަރަށް ފައިސާ ދޫކުރެވެ އެވެ. އަދި މީގެއިތުރުންވެސް ދަރިވަރަކީ ލޯނަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ތަފްސީލް ސްޕޮންސަޝިޕް ލިޔުމެއް ކިޔަވަން އެދޭ ޔުނިވަސިޓީ ކޮލެޖަށް ހުށަހެޅުމަށް ބޭނުންވާނަމަ ސްޕޮންސަޝިޕް ލިޔުން ދޫކުރުމަށް ހަމަޖެހިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ފައިސާ ދޫކުރުން ލަސްވަނީ ލިޔުންތައް ހަމަނުކޮށް ހުށަހަޅާތީ ކަމަށެވެ. އެހެންވެ ލިޔުންތައް ހަމަކޮށްފައި ފައިސާ ހޯދަން ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.