އެއްވެސް ފަރާތަކަށް ދިރިއުޅެން ދޫކޮށްފައިވާ ގޯއްޗެއްގައި ހިންގާ ސިޔާސީ ހަރަކާތެއް ހުއްޓުވާފައި ނުވާނެ ކަމަށާއި، އެފަދަ ބިންތައް ނަގަން ކައުންސިލްތަކަށް ނާންގާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
މާލެ ނޫން އެހެން ރަށެއްގެ ގެއެއްގައި ސިޔާސީ ހަރަކާތެއް ހިންގާނަމަ އެ ތަނެއް އެރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދަން އެލްޖީއޭއިން ކައުންސިލުތަކަށް އެންގިކަމަށް ބުނާ ބުނުމާ ގުޅިގެން އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ އެންގުމެއް އެލްޖީއޭއިން އެއްވެސް ފަރާތަކަށް އަންގާފައި ނުވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 36 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން، ސިޔާސީ ޕާޓީތަކުގެ ތެރެއިން 20،000 މެންބަރުން ހަމަވާ ޕާޓީތަކަށް ސަރުކާރުން، 1000 އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ދިނުމަށް އަންގާފައިވެ އެވެ. ނަމަވެސް އެ އިސްލާހުގެ ދަށުން އެ ގޮތަށްވެސް އިމާރާތް ދޫކުރެވޭނީ ހަމަ އެކަނި މާލެއިން ނެވެ.
އެއްވެސް ރަށެއްގެ ކައުންސިލަކުން ސިޔާސީ ހަރަކާތަކަށް ބިމެއް ދޫކުރުމަކީ ގާނޫނާއި ހިލާފަށް ބިން ދޫކުރުން ކަމަށާއި އެގޮތަށް އެއްވެސް ރަށަކުން، ސިޔާސީ ފަރާތްތަކަށް ބިން ދޫކޮށްފައިވާ ނަމަ އެފަދަ ބިންތައް ހުސްކުރަން 30 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ބިންތައް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ކައުންސިލްތަކަށް އެންގި ކަމަށް އެލްޖީއޭ އިން ބުންޏެވެ. އެގޮތަށް ކައުންސިލްތަކަށް އަންގާފައިވަނީ ހައުސިން މިނިސްޓްރީން އަންގައިގެން ކަމަށްވެސް އެ އެލްޖީއޭގެ ބަޔާނުގައި ވެއެވެ.
"... ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގުމުގެ ބާރުގެ ފަށަލައަކަށް ވެފައި، ކައުންސިލަކުން ސިޔާސީ ޕާޓީއަކަށް ބިން ދޫކުރުމަކީ ދައުލަތުން ނުވަތަ ސަރުކާރުން ސިޔާސީ ޕާޓީއަކަށް ބިން ދޫކުރުން ފަދަ ކަމަކަށް ވާތީ މިނިސްޓްރީ އޮފް ހައުސިން އިން އެދިލައްވާފައިވާ ފަދައިން، ސިޔާސީ ޕާޓީތަކަށް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ބިންތައް ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން މި އޮތޯރިޓީން ސިޓީ ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ،" އެލްޖީއޭ ގެ ބަޔާނުގައި ބުންޏެވެ.
އެލްޖީއޭއިން ބުނީ ދިރިއުޅުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އެފަދަ ހަރަކާތްތައް ހިންގާ ގޯތިތަކާއި ބިންތައް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ނަގަމުންދާ ކަމުގެ މައުލޫމާޓު ލުބެމުންދާ ކަމަށާއި އެކަން ހިނގާފައިވާ ގޮތް ބަލަން އެ އޮތޯރިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.