އެމްއާރުއެމް

ޒަބީހް ވަކިކުރީ ކޯލިޝަން އެއްބަސްވުމާއި ހިލާފަށް: އެމްއާރްއެމް

Jun 24, 2023
1

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްލާއިލް ޒަބީހް މަގާމުން ވަކިކުރީ ކޯލިޝަން އެއްބަސްވުމާއި ހިލާފަށް ކަމަށް އެޕާޓީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ޒަބީހް މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އެންގީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ޒަބީހް މަގާމުން ވަކިކުރުމުން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއަކީ ތައުލީމީ އަދި ގާބިލު ބޭފުޅެއް ކަމަށާއި ކުއްލިއަކަށް މަގާމުން ވަކިކޮށްފައިވާ ގޮތާއިމެދު ޕާޓީން ކަންބޮޑުވާ ކަމަށެވެ.

"ޒަބީހް މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާނެކަން މިޕާޓީއިން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ،" އެމްއާރުއެމުން ބުނެފައިވެ އެވެ.

އެމްއާރުއެމުން ބުނި ގޮތުގައި ޒަބީހަކީ ހަވާލުކުރި މަގާމުގެ މަސްއޫލިއްޔަތު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރާއި ހަތަރު މަސް ތެރޭގައި ޒަބީހް މަގާމުގައި ހުންނަވައިގެން ފާހަގަކުރެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ޒަބީހް މަގާމުން ވަކިކުރުމުގައި ޕާޓީއާ މަޝްވަރާ ނުކުރާ ކަމަށާއި ސަބަބުވެސް ބަޔާން ނުކުރާ ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފަ އެވެ.

އެމްއާރުއެމް އިން ބުނީ ސިޔާސީ މަގުސަދު ހާސިލު ކުރެވޭނެ ކަމަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމު ދިނުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ދެކޭ ކަމަށެވެ.