ރޭ ހައްޔަރުކުރި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް، މުހުތާޒު މުހުސިން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ފުލުހުން ނިންމައިފި އެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މުހުތާޒު ހައްޔަރު ކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލާގައި ފުލުހުން އިއްޔެ ފެށި ތަހުގީގަކާ ގުޅިގެންނެވެ. މުހުތާޒު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ، އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުނެފައިވާއިރު ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.
މި މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ.