އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވެދާނެ ކަމާ ދޭތެރޭ ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ސުވާލު އުފައްދައިފި އެވެ. އެމްއާރްއެމްގެ ބަޔާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހިންގާ އަމަލުތަކުގެ ސަބަބުން ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުއްމީދު ކުޑަވެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސިވިލް ކޯޓުން ހުއްޓުވާފައިވާތީ އެ ނިންމުމާ ގުޅިގެން އެ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގުމުގައި މިވަގުތު އެއްވެސް ހުރަހެއްނެތް ކަމަށް ޕާޓީގެ މެންބަރުންނަށް އެންގުމުގެ ގޮތުން ނެރުނު ބަޔާނުގައި އެމްއެމްއާރްއެމް އިން ވަނީ އީސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެމްއާރްއެމް އުވާލުމަށް އީސީ އިން ނިންމި މައްސަލަ އާއި ގުޅިގެން އެޕާޓީން ވަނީ މިމަހުގެ 22 ވަނަ ދުވަހު އެ ޖުޑޯީޝަލް ރިވިއު މައްސަލައެއް ކޯޓަށްވެސް ހުށަހަޅާފަ އެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުއްމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް ގެއްލިފައިވާ ކަމަށެވެ. އަދި އެމްއާރްއެމް އުވާލުމަށް ނިންމި ކަމަށް ބުނެ ކޮމިޝަނުން އިއުލާންކުރީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ޝައްކުކުރެވޭ ފަދަ ގޮތަކަށް އަދި ގާނޫނާއި ހިލާފަށް ކަމަށް ދެކޭ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"އެކަމުގެ ސަބަބުން ޕާޓީއަށް ދަނީ ނުހަނު ގެއްލުން ވަމުންނެވެ. އެގޮތުން އެމްއާރްއެމް އަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއް ކަމަށް ދެކެވި، ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި މި ޕާޓީއިން 2023ގެ ރިޔާސީ އިންތިހާބަށް ވަމުން އައި ތައްޔާރީތަކަށްވެސް ވަނީ ހުރަސް އެޅިފަ އެވެ،" ބަޔާނުގައިވެ އެވެ.
މިފަދަ އެންމެހާ ގޮންޖެހުންތަކާއެކުވެސް، ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާހަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި އދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.
އެމްއާރްއެމް އިން ބުނީ އީސީގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރުމުގެ ޖާގަ މިހާރު އެބައޮތް ކަމަށެވެ. އަދި ޕާޓީތަކުގެ ކަންކަން ބެލެހެއްޓުމުގައި ގާނޫނާ ގަވައިދާ، އަމިއްލައަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާ ތަންވެސް ފެންނަމުންދާ ކަމަށެވެ. ވޯޓުލާ މީހުންގެ ލިސްޓު ތައްޔާރު ކުރުންފަދަ މުހިއްމު ކަންކަމުގައިވެސް، އީސީގެ ގާބިލްކަމާ މެދު ސުވާލު އުފެދޭވަރުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ އެ ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް އެމްއާރްއެމް އިން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތް އިންސާފުވެރިކަމާ އެކީ ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެ ކޮމިޝަންގެ ރައީސްއަށް ގޮވާލަމެވެ. އަދި މި މައްސަލަތައް ހައްލުކުރުމުގައި މި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.