ދުނިޔެ

ޔޫކްރެއިންގެ ހަމަލާތައް ތާވަލަށްވުރެ ފަހަތުގައި އޮތުމަކީ ކަންބޮޑުވުމެއް

ޔުކްރޭނުން ދިފާއުގައި ދެމުން ގެންދާ ރައްދު ހަމަލާތައް ތާވަލަށް ވުރެ ފަހަތުގައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ ގަނޑުވަރު -- ވައިޓް ހައުސްގެ އޮފިޝަލުން ޝަކުވާކުރަން ފައްޓަވައިފި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އެކަށީގެންވާ ކާމިޔާބެއް -- ހުޅަނގުން އުންމީދުކުރާ ވަރުގެ ކާމިޔާބެއް -- ޔުކްރޭންގެ ސިފައިންނަށް ހޯދިފައެއް ނުވެ އެވެ.

މިއީ އާންމުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ އޮފިޝަލުން ވާހަކަދެއްކެވި ނަމަވެސް، އޮފިޝަލުންގެ މެދުގައި އޮތީ ކަންބޮޑުވުމާއި ހާސްކަމެވެ.

ޔުކްރޭނަށް ކާމިޔާބެއް ހޯދޭނީ ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމުން ކަމަށް އެ ގައުމުގެ ވެރިން ކުރި ވިދާޅުވި ނަމަވެސް، ހުޅަނގުން ފޯރުކޮށްދޭ އެންމެ ޒަމާނީ ހަތިޔާރާ އެކުވެސް، ޔުކްރޭނަށް މާބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ކަމަށް ވެސް އޮފިޝަލުން އެއްބަސްވެ ވަޑައިގަންނަވަ އެވެ.

ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާގޮތް ނޭނގުމަކީ ވެސް، އޮފިޝަލުން ވިދާޅުވާ ގޮތުގައި، ފިކުރު ބޮޑުވާ ވަރުގެ ކަމެކެވެ.

އެމެރިކާއިން ފޯރުކޮށްދިން އެންމެ ޒަމާނީ ހަތިޔާރުތަކުން އުންމީދު ކުރެވުނު ވަރުގެ ކާމިޔާބެއް ހޯދުމުގެ ކުރިން އެ ތަކެތި ފުނޑިފައިވާ ކަމަށް ވެސް، ވައިޓް ހައުސްގެ ތެރޭގައި ޝަކުވާކުރި އޮފިޝަލުން ވިދާޅުވި އެވެ.

ޔުކްރޭނުން ރައްދު ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ބުނެ ދިން އެއްވެސް ހަމަލާއަކުން ރަޝިއާގެ ދިފާއީ ރޮނގަށް ފާހަގަކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަޝިއާގެ ދިފާއީ ރޮނގެއް ހުރަސްކޮށް ޔުކްރޭނަށް އެންމެ ފިޔަވަޅެއް ވެސް އެޅިފައި ނުވާ ކަމަށް ވެސް ނޫސްތައް ބުނެ އެވެ.

ހުޅަނގުން ފޯރުކޮށްދިން ހަތިޔާރުގެ އިތުރުން ނޭޓޯ ގައުމުތަކުން ޔުކްރޭންގެ އަސްކަރިއްޔާއަށް ދިން ތަމްރީންތަކުން ވެސް -- ޔުކްރޭންގެ ކޮޅަށް މަސްރަހު ބަދަލުކުރެވޭ ގޮތް ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ނޭޓޯ ގައުމުތަކުގެ މެދުގައި ޔުކްރޭނަށް ފާޑުކިޔަމުން ދާއިރު، ހަމަލާތައް މިހާރު ކުރިއަށް ގެންދަނީ ދުނިޔެއަށް ލަދަށް ކަމަށް ވެސް ޚަބަރުތަކުން އެނގެ އެވެ.