މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

"ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހުރި މައްސަލަތައް އިސްލާހުކުރާނަން"

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހުރި މައްސަލަތައް ދާއިމީ ލިސްޓުގައި އިސްލާހުވާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ޕްރޮގްރާމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ހޯމަ ދުވަހު އާންމުކޮށްފައިވާއިރު ލިސްޓުގައި ދިވެހިންނާއި ކައިވެނިކޮށް ދިވެހި ރައްވެހިކަން ހޯދާފައިވާ ބައެއް ބިދޭސީން ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވީ ވަގުތީ ލިސްޓުތަކުގައި މައްސަލަތައް ހުންނަ ކަމަށާއި އެކަން އިސްލާހުކުރާނެ ކަމަށެވެ.

"އާންމުކޮށް ވަގުތީ ލިސްޓުތަކުގައި މައްސަލަ އުޅޭނެ. އަޅުގަނޑުމެން އެ އޮތީ ޝަކުވާއަށް ހުޅުވާލާފަ. ދާއިމީ ލިސްޓުގައި މި މައްސަލަތައް އިސްލާހުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ދޫކުރާ 5،000 ގޯއްޗަށް އެދި 15،164 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓުންނާއި އެކި މީހުންނާ ގުޅިގެން ޖުމްލަ 23،088 މީހުން މީހުން ހިމެނޭއިރު ޝަރުތު ހަމަވަނީ 12،794 ފޯމު -- 19،857 މީހުންނެވެ.