ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ ސިފައިން ޔުކްރޭނަށް ފޮނުވަން ޖެހުމަކީ ކުރަން ޖެހިދާނެ ކަމެއް ކަމަށް މި ވާހަކަތައް ދެނެހުރި މީހަކާ ހަވާލާދީ އިނގިރޭސި ނޫހަކުން ބުނެފި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ވަނީ ވަކި ކޮޅެއް ނަގައި ޔުކްރޭނަށް ތާއީދުކޮށްފަ އެވެ.
ރަޝިއާ ބަލިކުރަން ބޭނުންވާ ހުރިހާ އެހީތެރިކަމެއް -- ހަތިޔާރާއި ފައިސާ އަދި ތަޖުރިބާކާރުންގެ އެހީތެރިކަން -- އީޔޫ ގައުމުތަކުން ޔުކްރޭނަށް ކެނޑިނޭޅި ދަނީ ފޯރުކޮށްދެމުންނެވެ.
ޔުކްރޭން ސިފައިން އީޔޫ ގައުމުތަކުގައި ތަމްރީން ކުރުމުގެ އިތުރުން -- ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ރުހޭ ނަމަ -- މެމްބަރު ގައުމުތަކުގެ ސިފައިން ޔުކްރޭނަށް ފޮނުވަން ޖެހުމަކީ ވެސް އެޖެންޑާގައި އޮތް ކަމެއް ކަމަށް އިނގިރޭސި ނޫހުން ބުނެ އެވެ.
ޔުކްރޭން ހަނގުރާމަ ދެމިއޮތްހައި ހިނދަކު ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ހޯދައި ދިނުމަކީ ވެސް އީޔޫ ގައުމުތަކުން ވެފައި އޮތް ވައުދެކެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ގައުމަކުން ޔުކްރޭނަށް ސިފައިން ފޮނުވުމަކީ ނަތީޖާ ހިތިވާނެ ކަމެއް ކަމަށް ރަޝިއާ އޮތި ކުރިއާލައި ބުނެ އިންޒާރުދީފަ އެވެ.
ޔުކްރޭން ސިފައިންނަށް ނޭޓޯ ގައުމުތަކުން ޓްރޭނިން ދިނުމަކީ ވެސް ހަނގުރާމާގައި ބައިވެރިވުން ކަމަށް ޑިސެމްބަރު 2022 ގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވެސް ވިދާޅުވި އެވެ.
ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އާއި ޕޮލޭންޑް، ނެކެޑާ، ރޮމޭނިއާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތުން 60 ގައުމަކުން 8،000 ކުލީ ސިފައިން ޔުކްރޭނަށް އެތެރެވެެފައިވާ ކަމަށް ނޮމެވްބަރު 2022 ގައި ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވެސް ވިދާޅުވި އެވެ.
މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެތެރެވި ކުލީ ސިފައިންނަށް މެދުވެރިވީ އެ މީހުން ހީކުރި ގޮތެއް ނޫނެވެ. އޭގެ ތެރެއިން 3،000 ސިފައިން ހަނގުރާމާގައި ވަނީ މަރުވެފަ އެވެ. އަދި އެ ވަރުގެ އަދަދަކަށް ކުލީ ސިފައިން ޔުކްރޭނުން ފައިބައިގެން އެނބުރި އެ މީހުންގެ ގައުމުތަކަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިއާ ޒަޚަރޯފާގެ މި ވާހަކަތައް ހުޅަނގުގެ މީޑިއާ ތަކުން ވެސް ވަނީ ތެދުކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން ހަނގުރާމާގައި ޔުކްރޭނަށް ވާގިވެރިވުމަށް 1،000 އާއި 3،000 އާ ދެމެދުގެ އަދަކަށް ހުޅަގުން ކުލީ ސިފައިން ފޮނުވި ވާހަކަ އަކީ ތެދެކެވެ.