ހަބަރު

ސިފައިންގެ މަރުކަޒުގައި 8 ބުރީގެ އިމާރާތެއް އަޅަން އެލިއާއަށް

  • އެލިއާއަށް ޕްރޮޖެކްޓް ދިނީ 29 މިލިޔަން ރުފިޔާއަށް
  • 240 ދުވަހުން މަސައްކަތް ނިންމަން ޖެހޭ
  • އިމާރާތާއެކު އަސްކަރިއްޔާގެ ހިދުމަތް ހަރުދަނާވެގެންދާނެ

ރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރުމަށް ބަންޑާރަ ކޮށީގައި 8 ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ. އާ އިމާރަތް އަޅަނީ މިހާރު ބަންޑާރ ކޮށީގައި ހުރި އެއް ބުރީގެ އިމާރާތެއް ތަޅާލުމަށްފަހު އެވެ.

ސިފައިންގެ އާ އިމާރަތް އެޅުމަށް ހަވާލުކޮށްފައިވަނީ، އެލިއާ ކޮންސްޓްރަކްޝަނާ އެވެ. މިއަދު ކޯސްގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރަތް ކުރުމުގެ އެއްބަސްވުމުގައި އެލިއާގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަލާއު އަލީ އަބްދުﷲ އެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ބަންޑާރަ ކޮށީގައި އަޅާ އާ އިމާރަތުގެ މަޝްރޫއަކީ 29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އާ އިމާރާތުގެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އާ އިމާރަތަކީ ވެސް އަސްކަރީ ވަރުގަދަކޮށް ސިފައިންގެއިން ދޭ ހިދުމަތްތައް ފުޅާކުރުމަށް އަޅާ އިމާރާތެއް ކަމަށެވެ.

"ވަރަށް ބޮޑަށް މިއަދު މަސައްކަތް ކުރަމުންދަނީ ސިފައިންގެއަކީ ދެވޭ ހިދުމަތް ރަނގަޅުވެފައި، އެއާއެކީގައި ސިފައިންގޭގައި މަސައްކަތްކުރައްވާ ހުރުހާ ބޭފުޅުންނަކީ ވެސް ހިންހަމަ ޖެހިގެން މަސައްކަތްކުރައްވާ ބޭފުޅުންނަށް ހެދުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުން، އެ މަސައްކަތުގައި ކުރި އެރުންތަކެއް ލިބިފައި އެބަހުރި،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.