ފިނިޕޭޖް

އެލަން އާކިން 89 އަހަރުގައި މަރުވެއްޖެ

ހޮލީވުޑްގެ ގިނަ ދުވަސްވީ އެކްޓަރު -- އެލަން އާކިން 89 އަހަރުގައި މަރުވެއްޖެ އެވެ.

އެލަން މަރުވި ހަބަރު ކަށަވަރުކޮށްދިނީ އެލަންގެ ތިން ދަރިން އެޑަމް، މެތިއު އަދި އެންތަނީ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގަ އެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެލަން އަކީ ލޯބި ފިރިއެއް، ބައްޕައެއް، ކާފައެއް އަދި މުނިކާފައެއް ކަމަށެވެ. އަދި އެލަން އަކީ އެންމެންވެސް ވަރަށް ލޯބިވާ މީހެއް ކަމަށާއި އޭނާ ނެތުމުން ވަރަށް ބޮޑަށް މިސްވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެލަން އަކީ ހިތުގެ މައްސަލަ ހުންނަ މީހެކެވެ.

މި ހަބަރާއެކު އެލަންގެ ކޯސްޓާރުންނާއި ރައްޓެހިންނާއި ސެލެބްރިޓީން ވަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔާފަ އެވެ.

އެލަންގެ އެންމެ ފަހު ޕްރޮޖެކްޓް ކަމުގައިވާ ނެޓްފްލިކްސްގެ "ދަ ކޮމިންސްކީ މެތަޑް"ގެ ކޯ-ސްޓާ މައިކަލް ޑަގްލަސް ބުނީ އެލަން އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އޭނާ އެ ދިޔައީ ބޮޑު ނިޝާނެއް ދޫކޮށްފައި ކަމަށެވެ.

މީގެ އިތުރުން ޕޯލް ރައިސާ، ސްޓީވް ކެރެލް، އޭން ހެތަވޭ، އެބަގޭލް ބްރެސްލިން، މައިކަލް މެކްކީން އަދި ޖޯން ކިއުސެކް ވެސް ވަނީ ތައުޒިޔާ ކިޔާފަ އެވެ.

އެލަން އާކިންގެ ކެރިއާ ފެށުނީ ލަވަ ކިޔުމުންނެވެ. އޭގެ ފަހުން ސްޓޭންޑްއަޕް ކޮމެޑީ އަށްފަހު، އެކްޓިން ކެރިއާ ފެށުނީ 1963 ގައި ބްރޯޑްވޭގެ "އެންޓާ ލާފިން" ކިޔާ ޕްލޭއަކުންނެވެ.

މި ޕްލޭއަށް އެލަން އަށް ވަނީ "ބެސްޓް އެކްޓާ" ކެޓަގަރީން ޓޯނީ އެވޯޑް ލިބިފަ އެވެ. އެލަންގެ "ލިޓްލް މިސް ސަންޝައިން" އަށް އެކަޑަމީ އަދި ބަފްޓާ އެވޯޑް ލިބިފައިވާއިރު، ދެ އެކަޑަމީ، ހަ އެމީ ވެސް ލިބިފައިވެ އެވެ. އަދި ގޯލްޑަން ގްލޯބް ނޮމިނޭޝަންސް ލިބިފައިވެ އެވެ.

އެލަން މަރުވިއިރު އޭނާގެ ފުރަތަމަ އަދި ދެވަނަ ކައިވެންޏަށް ލިބިފައިވާ ތިން ދަރިންނާއި ތިންވަނަ އަނބިމީހާ ސުޒޭން ދުނިޔޭގައި އެބަތިއްބެވެ.