ހަބަރު

"ގާނޫނީ ވެރިކަން ވައްޓާލަން ސިފައިން ފުރުސަތެއް ނުދޭނެ"

އެއްވެސް ހާލަތެއްގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމުގެ ފުރުސަތު ދިވެހި ސިފައިން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ، ބަންޑާރަ ކޮށީގައި 8 ބުރީގެ އިމާރާތެއް އަޅަން އެލިއާ ކޮންސްޓްރަކްޝަން އާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި ސިފައިންނަކީ އުފެދުނީއްސުރެ، ދެގޮތެއްނުވެ ގައުމަށް ހިދުމަތް ކުރުމުގައި ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ.

"އެއްވެސް އިރެއްގަ، އެއްވެސް ސިފައެއްގަ ދިވެހި ސިފައިންގެ ލޮލެއް، ދިވެހި ސިފައިންގެ އެސްފިއައެއް ޖެހިގެނެއް ނުދާނެ ގައުމީ ސަލާމަތާއި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭނެ ގޮތަކަށް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސިފައިންނަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ދިވެހި ދައުލަތާއި ދިވެހި ދައުލަތުގެ މިލްކިއްޔާތާއި ގާނޫނު އަސާސީ ދެމެހެއްޓުމުގައި އަބަދުވެސް ސާބިތުކަން މަތީ ދެމިތިބޭނެ ބައެއްކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އެއްވެސް ބަޔަކަށް އެއްވެސް ހާލަތެއްގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް އެއްވެސް ބަޔަކު ވައްޓާލުމުގެ ފުރުސަތު ދިވެހި ސިފައިންނެއް ނުދޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ، ސައްހަނޫން ކޯޓު އަމުރެއް ނެރެގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކޮށް، ރާއްޖޭގެ ވެރިކަމާ ތޮޅެން މަސައްކަތްކުރި ކަމުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. ސައްހަނޫން ކޯޓު އަމުރެއް ނެރުމުގެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ހައްޔަރުކުރި އެވެ. މުހުތާޒު ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ. މި މައްސަލާގައި ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.