މުހްތާޒު މުހުސިން

މުހުތާޒު ދޫކޮށްލި މައްސަލާގެ އަޑުއެހުން މިއަދު

ކުރީގެ ޕީޖީ މުހުތާޒު މުހުސިން ދޫކޮށްލި މައްސަލާގެ އަޑުއެހުން މިއަދު މެންދުރުފަހު 2:00 ޖަހާއިރަށް ތާވަލުކޮށްފި އެވެ. ކްރިމިނަލް ކޯޓުން މުހުތާޒު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ޕީޖީއިންނެވެ.

ރޭ ހައިކޯޓު ހުޅުވައި، މި މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވެ އެވެ. އެ އަޑުއެހުމުގައި މުހުތާޒު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

ތުހުމަތުތަކަށް މުހުތާޒު އިންކާރުކޮށްފައިވާއިރު ފުލުހުން އޭނާ ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލާގައި ފުލުހުން ފެށި ތަހުގީގަކާ ގުޅިގެންނެވެ. ކުއްލި ގޮތަކަށް ހައިކޯޓު ހުޅުވައި ބޭއްވި އަޑުއެހުމުގައި މުހުތާޒު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. ވަކީލުން ހަމަޖެއްސުމަށް މުހުތާޒަށް ވަގުތު ދީފައިވަނީ، މިއަދުގެ ހެނދުނަށެވެ.

މުހުތާޒު ރޭ ހައިކޯޓުން ނިކުންނެވުމުން ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ވަނީ އިންކާރު ކުރައްވާފަ އެވެ. މުހުތާޒު ވިދާޅުވީ އޭނާގެ ފަރާތުން ވާހަކަ ދައްކަވަނީ ވަކީލު ކަމަށާއި ވަކީލް ޖަވާބުދާރީވާނެ ކަމަށެވެ.

ކުރީގެ ޕީޖީ އަދި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިއްޔެ ހަވީރު ޕީޖީއިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ މެންދުރުފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުނެފައިވާއިރު ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.

ފޭކް ކޯޓު އަމުރުގެ މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.