ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭން ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަންގެ ގޮތުގައި "އުފާވެރި އަމާންރާއްޖެ" ހަމަޖައްސައިފި އެވެ.

ކެމްޕޭން ސްލޯގަން އިއުލާންކުރުމާ އެކު ރައީސްގެ ސަޕޯޓަރުން ގެންދަނީ ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގައި މި ސްލޯގަން ވައިރަލް ކުރަމުންނެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުުގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ކެމްޕޭން ސްލޯގަން -- އުފާވެރި އަމާންރާއްޖެ -- ބޭނުންކުރައްވާފަ އެވެ. ނަމަވެސް މިއީ އެމަނިކުފާނުގެ ކެމްޕޭން ސްލޯގަން ކަމަށް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

"މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި 'އުފާވެރި އަމާން ރާއްޖެ' ދިވެހިންނަށް ހޯދައި ދިނުން،" ރައީސް އިއްޔެ ވިދާޅުވެފައިވެ އެވެ.

ރައީސްގެ ކެމްޕޭން ސްލޯގަން އިއުލާންކޮށްފައި މިވަނީ ބޮޑު އީދު ބަންދަށްފަހު އެމަނިކުފާނު ރިޔާސީ ކެމްޕޭން ފަށާނެ ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ބޮޑު ބައްޔަކުން ބަލިކުރުމަށްފަހު އެވެ.